ފިލިޕީންސްގެ ކުރީގެ ރައީސާ ގްލޯރިއާ މަކަޕަގާލް އަރޯޔޯ މިނިވަންކޮށް ވަގުތުން ދޫކޮށްލުމަށް އެގައުމުގެ ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
އުމުރުފުޅުން 69 އަހަރުގެ ކުރީގެ ރައީސާ އަރޯޔޯއާ ދެކޮޅަށް ހިންގަމުންދާ ކޮރަޕްޝަންގެ ޝަރީއަތާ ގުޅިގެން އެކަމަނާ ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ފަސްއަހަރު ވެއްޖެއެވެ.
2001 ވަނަ އަހަރުން 2010 ވަނަ އަހަރުގެ ނިޔަލަށް ފިލިޕީންސްގައި ވެރިކަން ކުރެއްވި ރައީސާ ގްލޯރިއާ މަކަޕަގާލް އަރޯޔޯ 2011 ވަނަ އަހަރުން ފެށިގެން ބަންދުކޮށްފައި ހުންނަނީ ވެރިރަށް މެނީލާގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި ކަމަށް އެކަމަނާގެ ވަކީލު ވިދާޅުވިއެވެ.
އަރޯޔޯއާ ދެކޮޅަށް އުފުލިފައިވާ ދައުވާއަކީ، ވެރިކަމުގައި ހުންނަވައި ދައުލަތުގެ ފައިސާ ނުހައްގުން، ގާނޫނާ ޚިލާފަށް ބޭނުންކުރެއްވި ކަމުގެ ދައުވާއެވެ. އެގޮތުން، 366 މިލިއަން ޕެސޯސް (8.8 މިލިއަން އެމެރިކާ ޑޮލަރަށް) އެކަމަނާ ޚިޔާނާތްތެރިވެ ވަޑައިގެންފައިވާ ކަމަށް ދައުވާ އުފުލިފައި ވެއެވެ.
ނަމަވެސް، އެކަމަނާގެ ޝަރީއަތަށް ހުށަހެޅިފައިވާ ހެކިތަކަކީ، ދައުލަތުގެ ފައިސާ ބޭނުންކުރެއްވިކަން ސާބިތުވާ ހެކިތަކެއް ނޫން ކަމަށާއި، އެއީ އެކަމަނާއާ ދެކޮޅަށް ސިޔާސީގޮތުން ހިންގާ ޝަރީއަތެއް ކަމަށާއި، ދައުވާ ކެންސަލް ކޮށްދެއްވުމަށް އެދިވަޑައިގެން އަރޯޔޯ ވަނީ ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވާފައެވެ. ޕެޓިޝަންގައި ދިފާއީ އެތައް ހެއްކެއް އަރޯޔޯ ހުށަހެޅުއްވިއެވެ.
ޕެޓިޝަންގެ މައްސަލަ ބެލުމަށްފަހު ފިލިޕީންސްގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން 11 ފަނޑިޔާރުން ވޯޓް ދެއްވައި، ކުރީގެ ރައީސާ މިނިވަން ކުރެއްވުމަށް އަމުރު ކުރައްވާފައި ވެއެވެ. ޕެޓިޝަނާ ދެކޮޅު ހައްދަވާފައިވަނީ 4 ފަނޑިޔާރުންނެވެ.
ޚަބަރު ލިބޭގޮތުގައި، ސްޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ކުރީގެ ރައީސާ ގްލޯރިއާ މަކަޕަގާލް އަރޯޔޯ މިރޭގެ ވަގުތެއްގައި މިނިވަންކޮށް ދޫކޮށްލާނެއެވެ.
ބަންދުގައި ހުންނެވި ނަމަވެސް، އަރޯޔޯވަނީ، ފިލިޕީންސްގައި ފާއިތުވި ދެދައުރު ބޭއްވި އާންމު އިންތިޚާބުގައި ވާދަކުރައްވައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
ފިލިޕީންސްގެ ކުރީގެ ރައީސާ ވަގުތުން މިނިވަންކުރުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ