124 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނިގެން ބާއްވާ ސިފައިންގެ އާއިލީ ހަވީރު ޖުމުހޫރީ މައިދާނުގައި މިއަދު ފަށައިފިއެވެ.
ސިފައިންގެ އާއިލީ ހަވީރު ހުޅުވުމުމުގެގޮތުން ޖުމުހޫރީ މައިދާނުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އާއިލީ ހަވީރު ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހީމެވެ.
އާއިލީ ހަވީރު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޞިލް އާދަމް ޝަރީފް އުމަރު ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ދެ ދުވަހަށް ކުރިއަށް ގެންދާ މި އާއިލީ ހަވީރުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. މިގޮތުން ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކުރުމާއި ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އަދި މި އާއިލީ ހަވީރުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރުގެ އުދުހުމުގެ ހަރަކާތްތައްވެސް މިއަދު ވަނީ އެސަރަހައްދުގައި ދައްކާލާފައެވެ. އަދި ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ތަފާތު ކުޅިވަރުތަކާއި ސްޓޯލްތަކުގެ އިތުރުން ސްޓޭޖް އައިޓަމްގައި "ހަބޭސް ބޮޑުބެރު ގްރޫޕް" ވަނީ ބައިވެރިވެފައެވެ.
މިއަދު ބޭއްވި މިއާއިލީ ހަވީރުގައި ގިނަ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުންވަނީ ބައިވެރިވެފައެވެ. މި އާއިލީ ހަވީރު މާދަމާ ހަވީރު 16:00 އިން 18:00 އަށް ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. އަދި މާދަމާއަކީ މި އާއިލީ ހަވީރުގެ ފަހުދުވަހެވެ.
ސިފައިންގެ އާއިލީ ހަވީރު ހުޅުވުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޞިލް އާދަމް ޝަރީފް އުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.
ސިފައިންގެ އާއިލީ ހަވީރު ޖުމުހޫރީ މައިދާނުގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ