ނަޝީދު މިނިވަން ކޮށްފިނަމަ ހަމަޖެހުން ގެއްލި ދާނެ: މެމްބަރު ރިފާއު

ރައީސް ނަޝީދު މިނިވަން ކުރުމަށް ބޭނުން ނުވަނީ، އެމަނިކުފާނު ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން ހަމަޖެހުން ގެއްލިގެން ދާނެތީ ކަމުގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބުދުﷲ ރިފާޢު ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރިފާޢު ވިދާޅުވީ، ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ބަދަލުކޮށް އަލުން ޓެރަރިޒަމްގެ ދައުވާ އުފުލައި، ވިހިދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ޝަރީއަތް ނިންމައި ހުކުމް ކުރީވެސް އެހެންވެ ކަމަށެވެ.
ރިފާޢު ވިދާޅުވީ، ރައީސް ނަޝީދު މިނިވަން ކުރުމަށް ތާޢީދު ނުކުރައްވާނެ ކަމަށާއި، އަދި އެކަމަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕުން އެއްބާރުލުންވެސް ނުދޭނެ ކަމަށެވެ.
ރައީސް ނަޝީދު މިނިވަން ކުރުމުން ހަމަޖެހުން ގެއްލިގެން ދާނެކަމުގައި ރިފާޢު ވިދާޅުވި އިރު، ރާއްޖެއަށް އެންމެ ހަމަޖެހުން ބޮޑު ގޮތަކީ ރައީސް ނަޝިދު މިނިވަން ކުރުން ކަމުގައި ބުނެ، އެމަނިކުފާނު މިނިވަން ކުރުމަށް ބައިނަލް އަޤުވާމީ އެކި ފަރާތްތަކުން ވަނީ ގޮވާލާފައެވެ. މިގޮތުން އދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫންވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.
ރިފާޢު ވިދާޅުވީ، ބައިނަލް އަޤުވާމީ ފަރާތްތަކުން ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވި ނަމަވެސް މިސަރުކާރުން އެކަން ނުކުރާނެ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ޔޫރަޕާއި، އަދި އދ އާއި ގާތް ނުފޫޒުގަދަ ބޭފުޅެއް ކަމަށާއި، އދ ގެ ވޯކިންގ ގުރޫޕު ފަދަ ގުރޫޕްތަކަކީ، ރައީސް ނަޝީދުގެ ކޮޅަށް ބުރަވެފައިވާ ގުރޫޕްތަކެއް ކަމަށްވެސް ރިފާއު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވުނީ، ބައިނަލް އަޤުވާމީ ހަމަތަކާއި އުސޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ހަމަތަކާއި އުސޫލުތަކާއި ޚިލާފަށް ކަމުގައި އެމްޑީޕީން ބުނަމުން ދާއިރު، އެމައްސަލައިގައި ބައިނަލް އަޤުވާމީ ފަރާތްތަކުން ނިންމަމުންދާ ނިންމުން ތަކުންވެސް އެމްޑީޕީން ދައްކާ ވާހަކަތަކަށްވަނީ އިތުރު ބާރެއް ލިބިފައެވެ.
މިގޮތުން އދ އާއި ޔޫރަޕިއަން ޔޫނިއަން އާއި އެމްނެސްޓީ އިންޓަރނޭޝަނަލް އާއި، ރާއްޖެއާއި އެންމެ އަވަށްޓެރި އިންޑިޔާއިންވެސް ދަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ދިވެހި ސަރުކާރަށް ބާރު އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ