މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ގޮންޖެހުންތައް ވަރަށް ގިނަ: އުމަރު

ރާއްޖޭގައި މަސްތުވާތަކެތީގެ އެންމެ ނުރައްކާތެރި ބާވަތްތައް ވެސް ބޭނުންކުރެވޭ މިންވަރު އިތުރުވަމުންދާ ކަމަށާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިތާބުގައެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ މަސްތުވާތަކެއްޗަށް މީހާ ދެވިހިފުމަކީ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމަކީ ބައްޔެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެއީ ކުށެއް ކަމަށެވެ.
އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ އާއިލާތަކަކީ މަސްތުވާތަކެތި ބޭނުންކުރާ މީހަކާ ގުޅުމެއްވާ އާއިލާތަކެއް ކަމާއި ޒުވާނުން މިކަމުގެ ތެރެއަށް ވަންނަ ނިސްބަތް އިތުރުވަމުންދާކަން އުމަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2011 ވަނަ އަހަރާއި 2012 ވަނަ ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 7496 މީހުން ތިބިއިރު، މީގެ ތެރެއިން 80 އިންސައްތަ އަށްވުރެ ގިނަ މީހުންނަކީ 15 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންކަން މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.
"އަދި މިފަހަކަށް އައިސް މަސްތުވާތަކެތީގެ އެންމެ ނުރައްކާތެރި ބާވަތްތައް ވެސް ރާއްޖޭގައި ބޭނުންކުރެވޭ މިންވަރު އިތުރުވަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަން. މިކަމުގެ ނަތީޖާއެއްގެ ގޮތުން ބައެއް ޒުވާނުންގެ ފުރާނަ ވެސް ވަނީ ގެއްލިފައި. އެހެންވުމުން މިއަދު މިވަނީ މަސްތުވާތަކެތީގެ މައްސަލަ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަން ޖެހިފައި" ހޯމް މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވެފައި ވެއެވެ.
އުމަރު ނަސީރު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކޮށް، އެ ވަބާގައި ޖެހިފައި ތިބި މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރެވޭ މަސައްކަތަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވާ ކަމަށެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އިތުރުވުމާއި، މި ވަބާގައި ޖެހޭ ޒުވާނުން ޑްރަގުގެ ވިޔަފާރި ކުރާ ބޭރުގެ މީހުންނާ ގުޅިގެން ރާއްޖޭގައި ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، މި ވަބާގަިއ ޖެހިފައިވާ މީހުންގެ އާއިލާތަކުން އެކަން ސިއްރު ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޚިތާބުގައި ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށް ކުރެވޭ މަސައްކަތަށް މުޖުތަމައުގެ ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "މިނިވަންކަމާއި ހަމަޖެހުން - މަސްތުވާތަކެއްޗާ ނުލައި" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ