ރެޑް ނޯޓިސް ދިނުމަށް ފަހު މރ. ޗިކޯ ރެސްޓޯރަންޓުން ކަރަންޓު ކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ހިއްސާ އޮންނަ، ފުޑް ކްލަބް [މރ. ޗިކޯ ރެސްޓޯރެންޓް]ގެ ކަރަންޓް ބިލް ނުދައްކައިގެން ރެޑް ނޯޓިސް ދިނުމަށް ފަހު ކަރަންޓް ކަނޑާލައިފި އެވެ.
އާޓިފިޝަލް ބީޗުގައި ހުންނަ މިސްޓާ ޗިކޯ އިން ކަރަންޓް ކާޑާލާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި މިހާރު އެތަން ހުރީ ކަރަންޓް ނެތުމުގެ ސަބަބުން ބަންދުކޮށްފަ އެވެ.
ސްޓެލްކޯގެ އިންޖީނިއަރު އިބްރާހިމް ރައޫފް މިއަދު ވިދާޅުވީ މރ. ޗިކޯ އިން ކަރަންޓް ކާނޑާލީ، އެތަނަށް ރެޑް ނޯޓިސް ދިނުމަށް ފަހު ބިލް ނުދެއްކުމުން އާންމު އުސޫލުން ކަމަށެވެ. ނަމަވެސް އެ ރެސްޓޯރަންޓުގެ ކަރަންޓް ކަނޑާލީ ކިތައް މަހުގެ ބިލް ނުދައްކައި އޮތުމުން ކަމެއް އަދި އެއީ ކިހާވަރެއް ކަމެއް އޭނާ ވިދާޅެއްނުވި އެވެ.
މރ. ޗިކޯ މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޖަމީލް މިއަދު ވިދާޅުވީ ކަރަންޓް ކަނޑާލި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށާއި ބިލް ދެއްކުމުގެ ކަންތައް ކުރާނީ ހެޑް އޮފީހުން ކަމަށެވެ.
"ކަރަންޓް ކަނޑާލާނީ ބިލް ނުދައްކައިގެން ނޫނީ މަސައްކަތެއް ކުރުމަށް. ސީދާ މިވެނި ސަބަބެއް ދަންނަވާކަށް ނޭނގޭ،" ޖަމީލް ވިދާޅުވި އެވެ.
މިސްޓާ ޗިކޯ އިން ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލާފައި މި ވަނީ 2009 ވަނަ އަހަރުން ފެށިގެން ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކާތާ ދެ އަހަރުވެ، ކުއްޔާއި ޖޫރިމަނާގެ ފައިސާ، 4.3 މިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރައި އަދި ކުރީ ކޮޅު މާލޭ މުނިސިޕަލްޓީން އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނިކޮށެވެ. މިސްޓާ ޗިކޯ އިން ސަރުކާރަށް ދައްކަން ޖެހޭ އެ ފައިސާ ނުދައްކައިގެން އެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް މަނިކު މިއަދު ވިދާޅުވީ މިސްޓާ ޗިކޯ އިން ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަ ބަންޑާރަ ނައިބްގެ އޮފީހަށް ފޮނުވާފައިވާ އިރު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އެއްވެސް ފައިސާއެއް މިހާތަނަށް އެފަރާތުން ދައްކާފައި ނުވާ ކަމަށެވެ.
މރ. ޗިކޯ ހިންގާ ކުންފުނި "ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސް ޕްރައިވެޓް ލިމިޓެޑް"ގެ 20 ޕަސެންޓް ހިއްސާ އޮންނަ މުހައްމަދު މުސްތޮފާ މިވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށް ވުމުން އެކަމާ ބެހޭ ގޮތުން މުސްތޮފާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ