އިއްތިހާދު އެއާވޭޒް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ!

އިއްތިހާދު އެއާވޭޒް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
އިއްތިހާދު އެއަވޭޒް އިން އިއްޔެ ބުނީ ރާއްޖެއަށް އޮތް ޑިމާންޑް އިތުރުވަމުން އަންނާތީ މިއަހަރުގެ ސަމަރ ސީޒަންގައި ހަފްތާއަކު އިތުރު 4 ފްލައިޓް އަބޫދާބީ އިން ރާއްޖެއަށް ބާއްވާނެ ކަމަށެވެ. އަދި އެދަތުރުތައް ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އިއްތިހާދު އެއާވޭޒް އިން މިހާރުވެސް ރާއްޖެއަށް ހަފްތާއަކު 7 ދަތުރު ކުރެއެވެ. އެހެންކަމުން އެ މުއްދަތުގައި ރާއްޖެއަށް ހަފްތާއަކު 11 ދަތުރުކުރަމުން ގެންދާނެއެވެ. ހަފްތާގެ ކޮންމެ ދުވަހަކު މިހާރު ކުރާ ދަތުރުތަކުގެ އިތުރުން އިތުރުކުރާ 4 ފްލައިޓްގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ.
އިއްތިހާދު އެއާވޭޒް އިން ބުނީ މި ދަތުރުތަކަށް ބޭނުންކުރާނީ އޭ 320 މަރުކާގެ ބޯޓުފަހަރު ކަމަށާއި ބޯޓުތަކުގައި ހުންނާނީ ބިޒްނަސް ކްލާހުގެ 16 ގޮނޑިއާއި އިކޮނޮމީ ކްލާހުގެ 120 ގޮނޑި ކަމަށެވެ.
އިއްތިހާދު އެއާވޭޒް އިން ކުރާ ދަތުރުތައް ކުރަނީ ޔޫރަޕްގެ ފަސިންޖަރުންނަށް މަގުފަހިވާނެ ގޮތަށެވެ. ގަލްފް ކޯޕޮރޭޝަންގެ ޤައުމުތަކާއި އެޑިންބަރާ، ޖިއްދާ، މެޑްރިޑް، މޮސްކޯ އަދި ޒިޔުރިކުގެ ފަސިންޖަރުންނަށް ފަސޭހަކަމާއިއެކު ރާއްޖެ އާދެވެނެ ގޮތަށެވެ.
އިއްތިހާދު އެއާވޭޒް އިން ބުނީ ފާއިތުވި 5 އަހަރު ތެރޭގައި އެ އެއާލައިނުން ރާއްޖެއަށް 450،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާ ކަމަށެވެ.
އިއްތިހާދު އެއާވޭޒް އިން ހަފްތާގެ ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުތައް ކުރަންފެށީ 1 ނޮވެމްބަރު 2011 ގައެވެ. އިއްތިހާދު އެއާވޭޒް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެސްދޭ އެއް އެއާލައިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ