އިލެކްޝަންސް ކޮމިޝަން(އީސީ) ގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވާކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމުގައި އީސީގެ މެމްބަރުން ހާޒިރުކޮށް ކޮމެޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ނިންމާފައިވާ ނިންމުންތަކުން އެކޮމިޝަންގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމަށް ވަދެފައިވާ ކަމުގައެވެ.
އެގޮތުން އިންތިޚާބާ ގުޅިގެން ކަންކަން ކުރާނެ ގަޑިއާއި ވަގުތު ކަނޑައެޅުމަކީ އީސީގެ ޤާނޫނުން އީސީއަށް ދީފައިވާ މަސްއޫލިއްޔަތެއް ކަމުގައިވާއިރު ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ވަކި ގަޑިއަކާއި ވަގުތެއް ކަނޑައަޅާފައި އޮތުމުން އެވަގުތަށް ކަންކަން ފެއްތުމަށް މުވައްޒަފުން ހޭލާ ތިބިގެން މަސައްކަތް ކުރަންޖެހުނު ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮމިޝަންގެ މެމްބަރުން ގަބޫލުކުރާގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމަކަށް އަޅުގަނޑުމެން ޗެލެންޖެއް ނުކުރެވޭނެ. އެހެންނަމަވެސް ސުޕްރީމް ކޯޓުންވެސް ގަބޫލުކުރައްވަން ޖެހޭނެ އަޅުގަނޑުމެންގެ މެންޑޭޓް ތެރޭގައި މިސާލަކަށް ވޯޓު ކަރުދާސް އިންނަންޖެހޭނީ މިވެނިގޮތަކަށޭ. ވޯޓު ކަރުދާހުގެ މިވެނި އެއްޗެއް ޗާޕަށް ދޭންޖެހޭނީ މިވެނި ގަޑިއަކުއޭ. މިވެނި ދުވަހަކުއޭ. އެކަހަލަ، އަޅުގަނޑުމެންގެ މެންޑޭޓް ތެރޭގައި ހިމެނިފައިވާ ނިންމުންތަކެއް ނިންމާކަން އަޅުގަނޑުމެން ފާހަގަކުރަން." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓާ ގުޅޭގޮތުން ދައްކާ ވާހަކައަކާއި ގުޅިގެން މީގެކުރިން ކަން ހިނގާފައިވާގޮތަށް ކަންކަން ނުހިނގާނެކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. ޝަރީފް އެއިޝާރާތްކުރައްވަނީ 2013 ވަނަ އަހަރުގެ އިންތިޚާބާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އެކޮމިޝަންގެ ދެމެމްބަރަކު ސުޕްރީމް ކޯޓުން ވަކިކުރުމާއި ގުޅިގެން އެކަމަށެވެ.
އެފަދަކަމެއް ތަކުރާރުނުވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެ ޝަރީފް ވިދާޅުވީ، ބާރަ މެމްބަރުންގެ މައްސަލައިގައި ހިނގާދިޔަ ކަންކަމުގައި ސުޕްރީމް ކޯޓުން އީސީއަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި އީސީން ސުޕްރީމް ކޯޓުގެ ކަންކަމުގެ ތެރެއަށް ވަންނަނީކަމަށް ބުނެފައިވާ ކަަމުގައެވެ.
"ބާރަ މެމްބަރުންގެ މައްސަލާގައި ކޮމިޝަނުން ނިންމީ އަޅުގަނޑުމެން ނިންމާފައިވާ ނިންމުމެއް އެއީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއް މިވެނި ދާއިރާ ތަކެއްގައި ބައި އިލެކްޝަން ބާއްވަން އަޅުގަނޑުމެން ގަސްތުކުރަމޭ. ދެން ސުޕްރީމް ކޯޓުން ބާރަ މެމްބަރުންގެ މައްސަލަ ނިންމަންދެން އަޅުގަނޑުމެން ފޮނުވި ސިޓީ ބާތިލްކޮށްފީމޭ ކިޔާފައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވީ. ފޮނުވީމާ އެމައްސަލައަކީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ގަދަރު ކުޑަވާ މައްސަލައެއްގެ ގޮތުގައި ބަލައިގެން އަޅުގަނޑުމެންނަށް ސިޓީވެސް ފޮނުވާފައިވެސް އޮތް. އަޅުގަނޑުމެން އެބޭފުޅުންގެ މަސައްކަތުގެ ތެރެއަށް ނުފޫޒު ފޯރުވާކަމަށް." ޝަރީފް ވިދާޅުވި އެވެ.
ނަމަވެސް އެކަމުގައި ސުޕްރީމް ކޯޓުގެ މަސައްކަތުގެ ތެރެއަށް އީސިން ވަދެފައިނުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ.
ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތު ތެރެއަށް ވަދެފައިވޭ: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ