ގާސިމް އިބްރާހިމްއަކީ އިސްލާހީ މަސައްކަތުގެ ވިންދު: އަމީން

ދެގަޑިން ދެގަޑިން ކާ ބޭހެއްހެން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިއަސް ރައީސް އަބްދުﷲ ޔާމީނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހަވީރު 4:00 ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާ ގުޅިގެން ވީޓީވީން ގެނެސްދިން ހާއްސަ ލައިވް ކަވަރޭޖަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
އަމީން ވިދާޅުވީ ދެގަޑިން ކާ ބޭހެއްހެން ގާސިމް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވިޔަސް އެމަނިކުފާނަކީ ފަހަތައްޖެހޭނެ ބޭފުޅެއް ނޫން ކަމަށާއި ކިތަންމެ ބިރެއް ދެއްކިޔަސް ކެރިގެން ކުރިއަށްދާނެ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް މިކަމުގެ ސަބަބުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި އޭގެ ބަދަލުގައި ފެނިގެންދާނީ ދުވަހެއް ދުވަހަކަށް ސަރުކާރު ފެއިލްވަމުންދާތަން ކަމަށެވެ.
އަމީން ވިދާޅުވީ ގާސިމް ޖަލަށް ލައިފިއްޔާ އެމަނިކުފާނުގެ ދިފާއުގައި ނިކުންނާނެ ލީޑަރުން މުޑުވައްކޮށްފައި އެބަތިބި ކަމަށެވެ. އަދި ވިދާޅުވީ ގާސިމް ފުލުހަށް ހާޒިރު ކުރަނީ ރައްޔިތުންގެ ހައްގުގައި މަސއްކަތް ކުރައްވާތީ ކަމަށެވެ.
"ދެއިރު ކާ ބޭސްގުޅައެއްހެން އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާތީ. އެއީ އެއްވެސް ހާލެއްގައި އެމަނިކުފާނަށް ކުރައްވާ ޖެއްސުމެއް ނޫން. އެއީ ދިވެހި ރައްޔިތުންނަށް ކުރާ ޖެއްސުން. ހަމަ ގައިމުވެސް އަޅުގަނޑު ދަންނަ ގާސިމަކީ ބިރުން ފަހަތަށް ޖެހޭނެ ބޭފުޅެއް ނޫން. އެއަށްވުރެން މާ އަޒުމް ވަރުގަދަވާނެ. ހިތްވަރުފުޅު ގަދަވާނެ. ނިންމަވާ ކޮންމެ ނިންމެވުމަކިީ ރައްޔިތުންގެ ހައްގުގަ ނިންމަވާ ނިންމެވުމަކަށް ހައްދަވާނެ." އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ގާސިމް އިބްރާހީމްއަކީ ރާއްޖޭގެ އިސްލާހީ މަސައްކަތުގެ ވިންދު ކަމަށާއި އަދި އެމަނިކުފާނަށް އަނިޔާކޮށް ބިރުދެއްކުމަކީ ރާއްޖޭގެ އިސްލާހީ ރޫހު މަރާލުން ކަހަލަ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ގާސިމް ހައްޔަރުކޮށް އެމަނިކުފާނު މީހުންގެ މޫނުމަތިން އެއްފަރާތް ކުރިޔަސް އިސްލާހަށްޓަކާ ކުރައްވާ މަސައްކަތް އެމަނިކުފާނު ހުއްޓަވާ ނުލައްވާނޭ ކަމަށެވެ.
"ފުލުހަށް ހާޒިރު ކުރިޔަސް އެމަނިކުފާނުގެ ސާބިތުކަމަކަށް ބަދަލެއް ނާންނާނެ. މީހުންނަށް ހިތާމަވެރި ކަންކަން ދިމާވުމުން ބަދަލު އަންނާނެ. ނަމަވެސް ގާސިމަށް ދިމާވާ ކޮންމެ ކަމެއްގައި އެމަނިކުފާނު ނިންމަވާ ނިންމެވުމަކީ އެމަނިކުފާނު އެކަންކަމާ ބިރުން ނިންމަވާ ނިންމެވުމެއްނޫން. ނަމަވެސް އެމަނިކުފާނު އަބަދުވެސް ވިސްނަވާނީ އެމަނިކުފާނުގެ ވަށައިގެން ތިބި މީހުންނަށް ފައިދާ ވާގޮތަށް" އަމީން އިބްރާހިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ