ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އަހަރަކު ދިހަ މިލިއަނަށްވުރެ އިތުރަށް ނުދެވޭގޮތަށް، ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ހުށަހަޅައިފި އެވެ.
ޤާނޫނު ނަންބަރު 4/2013 ސިޔާސީ ޕާޓީގެ ޤާނޫނަށް އެ އިސްލާހުގެނެސް ބިލް މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން އެވެ.
ޕާޓީތަކަށް ފައިސާ ދޫކުރުމާއި ގުޅޭ 35 ވަނަ މާއްދާއަށް ޖަމީލް ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓްގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަށް ކަމަށެވެ. އަދި ސިޔާސީ ޕާޓީ ހިންގުމަށް ދޫކުރެވޭ ފައިސާކަމުގައި ކަނޑައެޅޭނީ، ޓެކްހުގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އެ އަހަރެއްގެ ދައުލަތުގެ އަހަރީ ބަޖެޓްގައި ކަނޑައަޅާ އަދަދުގެ %0.05 (ސުމެއް ޕޮއިންޓް ސްމެއް ފަހެއް އިންސައްތަ) ކަމަށެވެ.
މީގެ އިތުރަށް އެ އިސްލާހުގައި ވަނީ، އެގޮތަށް ދޫކުރެވޭ ފައިސާގެ އަދަދު، 10،000،000 ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެކަމަށްވެސް ވަނީ ބުނެފަ އެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި މިހާރު ބުނާގޮތުން، ދައުލަތުގެ ބަޖެޓުން ޕާޓީ ތަކަށް ދޭންޖެހޭ ފައިސާ ކޮންމެ އަހަރެއްގެ ފުރަތަމަ ތިންމަސް ނިމުމުގެ ކުރިން ދޭންޖެހެ އެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާއި ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށްވެސް ގާނުނުގައިވެ އެވެ.
އެ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭނެ ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.
10 މިލިއަނަށްވުރެ އިތުރަށް ޕާޓީތަކަށް ފައިސާ ނުދޭން އިސްލާހު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ