އަޅުގަނޑުގެ ވެރިކަމެއްގައި މާބަނޑު މީހުން ހޮސްޕިޓަލަށް ދާން ޖެހޭ ދަތުރު ހިލޭ ކޮށްދެވޭނެ - އުމަރު

ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ މާބަނޑު މީހުން ހޮސްޕިޓަލަށް ދާން ޖެހޭ ދަތުރު ހިލޭ ކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ކަން ކޮށްފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހއ. ބާރަށު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވި ހާދިސާއާއި ގުޅިގެން އެއާއިލާ އަށް ތައުޒިޔާ ފޮނުވަމުން ފޭސްބުކް ގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި އުމަރު ވިދާޅުވީ، އަތޮޅުތެރޭގައި ދިރިއުޅޭ މާބަނޑު މީހުން، އެމީހުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި އެކިއެކި ހާލަތްތަކުގައި ޑޮކްޓަރަށް ދެއްކުމަށް އަތޮޅު ހޮސްޕިޓަލަށް ނުވަތަ ރީޖަނަލް ހޮސްޕިޓަލަށް ކޮންމެހެން ކުރަންޖެހޭ ދަތުރަކީ ވަރަށް ދަތި އަދި ގިނަފަހަރު އަތްނުފޯރާ ވަރުގެ އަގެއް ދައްކަންޖެހޭ ދަތުރު ތަކެއް ކަމަށެވެ.
މިއީ އާދައިގެ ނިކަމެތި އާއިލާތަކަށް ވަރަށް ބޮޑު ވޭނެއް އިހުސާސް ކުރަން ޖެހޭ ދަތުރު ތަކެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި، މާބަނޑު މީހުން ކަނޑު ހުރަސްކޮށް، ހޮސްޕިޓަލްތަކަށް ކުރަންޖެހޭ ދަތުރުތައް އިރާދަކުރެއްވިއްޔާ، ހިލޭކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައި ދޭނަމެވެ." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، 2045 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެ އަކީ ތަރައްޤީވެފައި އޮންނަ ޤައުމަކަށް ހެދުމަށް ކަނޑައަޅައިފައިވާ “މޯލްޑިވްސް ވިޝަން 2045” ހާސިލްކުރެވޭނީ، އުފަންވާ ކުދިންނަކީ، ދެމައިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވެ، ފުރިހަމަ ސިއްހަތުގައި އުފަންވާ ކުދިންނަށް ހެދިގެންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ