ރާއްޖެ އަންނަން ޖާގަ ލިބި، ފަހު ވަގުތު ހަބަރު ނުވާ މައްސަލަ ބޮޑުވެއްޖެ
ރާއްޖެއިން ބޭރުގައި ތިބި ދިވެހީންގެ ތެރެއިން، އަނބުރާ ރާއްޖެ އަންނަން ބޭނުންވެގެން ނަން ނޯޓުކޮށް، ޖާގަ ކަށަވަރުވާ ފަރާތްތަކުގެ ތެރެއިން ބައެއް މީހުން އެންމެ ފަހު ވަގުތު ފޯނަށް ޖަވާބު ނުދޭ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައިި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހާއި 17 ވަނަ ދުވަހު މެލޭޝިއާގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް މޯލްޑިވިއަން އިން ދެ ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މިއުވާން ވިދާޅުވީ އެ ދެ ފްލައިޓުގައި މުޅި ޖުމްލަ 400 އެއްހާ މީހުން ގެނެވޭނެ ކަމަށެވެ. އެ ފްލައިޓުތަކުގައި ރާއްޖެ އަންނަން 450 އެއްހާ މީހުން ނަން ނޯޓުކޮށްފައިވެއެވެ. އެހެން ނަމަވެސް މާދަމާ ހަވީރު އެ ފްލައިޓު ރާއްޖެ އަންނައިރު، މިރޭ އިރުއޮއްސުމާ ހަމައަށް ފްލައިޓުން ޖާގަ ލިބުނު ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް ވިއްސަކަށް މީހުން އަދިވެސް ޓިކެޓު ނަގާފައި ނުވާކަމަށް މިއުވާން ވިދާޅުވިއެވެ. "މީގެކުރިން ވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް މިކަހަލަ ކަންކަން ދިމާވި. އެންމެ ފަހުން ސްރީލަންކާއިން މި ފްލައިޓުގައި ވެސް ގާތްގަނޑަކަށް 360 ވަރަކަށް ބޭފުޅުން ނަން ނޯޓު ކުރެއްވި ރާއްޖެ ވަޑައިގަންނަވަން. އެކަމު ފްލައިޓުގައި ރާއްޖެ ވަޑައިގަތީ 262. ހުސްކޮށް ގާތްގަނޑަކަށް 37 ވަނަ ސީޓު މި ފްލައިޓުގަައި ހުރި،" މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ އެ ފްލައިޓުން އަންނަން ޖާގަ ލިބުނު މީހުންގެ ތެރެއިން ފޮރިން މިނިސްޓްރީން ނުވަތަ އެއާލައިނުން ގުޅުން 32 މީހަކު ފޯނު ނަގާފައި ނުވާކަމަށާއި، އަދި އެންމެ ފަހު ވަގުތު ދަތުރުކުރަން ބޭނުން ނޫން ކަމަށް ވެސް 58 މީހަކު އެންގި ކަމަށެވެ. އަދި މާދަމާ މެލޭޝިޔާއިިން މާލެއަށް ބާއްވާ ފްލައިޓުގައި ރާއްޖެ އަންނަން ނަން ނޯޓުކޮށްފައި ތިބި ބައެއް މީހުންގެ ފަރާތުން ވެސް އެކަން ފެންނަމުން އަންނަކަމަށް މިއުވާން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖެ އަންނަން ބޭނުންވެގެން، އެމްބަސީތަކަށް އަންގާ ފަރާތްތަކުން އެއާލައިން އިން ނުވަތަ ފޮރިން މިނިސްޓްރީގެ ފަރާތުން ގުޅަން މަސައްކަތް ކުރާއިރު، ގުޅޭނެ ނަންބަރެއް ދިނުމަށް މިއުވާން ވަނީ އިލްތިމާސް ކުރައްވައިފައެވެ. "މި ލިބޭ ފުރުސަތުތަކުގައި ކޮންމެހެން ވަޑައިގަންނަވަން ޖެހޭ ބޭފުޅުން،އެ ފުރުސަތުގެ ބޭނުން ހިއްޕެވުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން. މިހެން މި ދެންނެވީ، ކޮންމެ ކޮންމެ ފަހަރަކު ފްލައިޓެއް ބޭއްވޭ ގޮތަކަށް ނޫން މި އޮންނަނީ. ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމާ އަދި ވައިގެ ދަތުރުފަތުރު ހުއްޓާލާފަ ވުމާއެކު، ލިބޭ ފުރުސަތުގެ ބޭނުން ހިއްޕަވައިގެން ވަޑައިނުގެންފިއްޔާ ދެން އަނެއްކާ ވަރަށް އެބަ ދަތިވޭ އިތުރު ފްލައިޓެއް ބާއްވަން، ނޫނީ ރޫޓެއް ހޯދަން،" މިއުވާން ވިދާޅުވިއެވެ. މިއުވާން މިރޭ ވިދާޅުވީ މިހާތަނަށް 14 ގައުމަކުން 2000 އާ ގާތްކުރާ އަދަދަކަށް ދިވެހިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރުވެސް އެކި ގައުމުތަކުން ދިވެހިން އަންނަ ބޭނުންވެގެން އެކަމަށް އެދެމުން އަންނަކަން މިއުވާންނ ފާހަގަކުރެއްވިއެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހު އިންޑިއާގެ ބެންގަރޫލުން އަދި 17 ވަނަ ދުވަހު ދިއްލީ އިން ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓެއް ބާއްވަން މިހާރު ވަނީ ނިންމައިިފައެވެ. މިއުވާން ވިދާޅުވީ އިންޑިއާއިން ރާއްޖެ އަންނަން މިހާރުވެސް 150 މީހުން ރަޖިސްޓްރީކޮށްފައިިވާ ކަމަށާއި، އޭގެ ތެރެއިން 30 ވަރަކަށް މީހުން ތިބީ ކެރެލާ ސްޓޭޓުގައި ކަމަށެވެ. އަދި ކެރެލާގައި ތިބި ދިވެހީން ގެންނަން މޯލްޑިވިއަންގެ ފްލައިޓެއް ބޭއްވުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މި މަހުގެ 16 ވަނަ ދުވަހު ރާއްޖޭގައި ތިބި ނޭޕާލް ރައްޔިތުން ބަލާ އަންނަ ހިމާލިއަން އެއާގެ ފްލައިޓުގައި އަށް ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސައުދީ އަރަބިއްޔާ ރާއްޖެ އަންނަން 150 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓްރީކޮށްފައިވާއިިރު، ސައުދީ އެއާގެ ފްލައިޓެއް ރާއްޖެ ބާއްވަން ވަނީ ހަމަޖެހިފައެވެ. ނަމަވެސް ފްލައިޓު ބަޢްވާ ތާރީހު އަދި ފައިނަލް ނުވެއެވެ. މީގެކުރިން ރަޝިއާއިން ވެސް ދިވެހިން ގެނެސްފައިވީ ނަމަވެސް، އިތުރު 48 ކުއްޖަކު ރާއްޖެ އަންނަން އެދިފައިވާތީ އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ. މީގެ އިތުރުން ޕާކިސްތާނުގައި ތިބި ދިވެހީންނާއި ތައިލެންޑުގައި ތިބި ދިވެހީން ވެސް ރާއްޖެ އައުމަށް އަންނަނީ އެދެމުންނެވެ. މިއުވާން ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު ބާއްވާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުން، އެގައުމުގައި ތިބި ބައެއް ދިވެހީންނަށް ޖާގަ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ