އަނިޔާވެރިކަން ދިގުދެމިގެންދާތީ ރައްޔިތުން ފަހަތަށް ނުޖެހުމަށް ފައިސަލް އެދިވަޑައިގެންފި

މިގައުމުގައި އަނިޔާވެރިކަމާ ކޮރަޕްޝަންގެ އަމަލުތައް މާގިނަ ދުވަހަށް ދެމިގެންދާތީ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ގައުމާ ދޭތެރޭ ވިސްނުމަށްފަހު ބިރުން ފަހަތަށް ނުޖެހުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ަނަސީމް އެދިވަޑައިގެންފި އެވެ.
ގުޅިފައިވާ ޕާޓީ ތަކުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ މިސަރުކާރަކީ ރަނގަޅު ކަންކަން ކުރަން ފަސްޖެހޭ ސަރުކާރެއް ކަމަށެވެ. އެކަމުގެ ސަބަބުން މިސަރުކާރުގެ އަނިޔާވެރިކަމާ ކޮރަޕްޝަންގެ އަމަލުތައް ދިގުލައިގެންދާ ކަމަށާއި މިއީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އަނިޔާވެރިކަމާއި ކޮރަޕްޝަން އަކީ ދިގުލައިގެންދާން ފުރުސަތު ދޭން ޖެހޭ ކަމެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ބިރުވެތިވާންވީ ހަމައެކަނި ހެއްދެވި ފަރާތަށް ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ގައުމާ ދޭތެރޭ ވިސްނުމަށްފަހު ގައުމުގެ ހައްގުގައި ފަސްޖެހިގެން ނުވާނެ ކަމަށެވެ. ތަރައްގީއަށްޓަކައި މިސަރުކާރުން ވެސް ކަންތައްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ތަރައްގީ ބޭނުންވަނީ ކޮަރަޕްޝަނާ ނުލައި އަދި ރައްޔިތުންގެ ހައްގުތައް ވެސް ލިބޭ ގޮތަށް ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކުން ނާޖާއިޒު ބޮޑެތި ފައިދާތަކެއް ނަގަމުންދާ ކަމަށް ބުނެ ރައްޔިތުން ސުވާލު އުފައްދާ ކަމަށްވެސް ވިދާޅުވި އެވެ.
އިސްލާމް ދީނުގައި ވެސް އަނިޔާވެރިކަމަކީ މަނާކުރައްވާފައިވާ ކަމެއް ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އަނިޔާވެރިކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އަނިޔާގެ ވާހަކަދެއްކުމުން އެވާހަކަ ހުތުރުވެ މިއަދު ކުށްވެރިވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލަމުންދާ ކަމަށް ބުނާތީ އެކަމަށް ޖޯކް ޖައްސަވަމުން ފައިސަލް ވިދާޅުވީ ކޮމިޝަނުން އަމަލުކުރާ ގޮތުން ހިނި އަންނަ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނަކީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެއް ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތް ގާނޫނު އަސާސީގައި އޮންނަ ގޮތް ސުލައިމާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް މިހާރު މެންބަރުންގެ ގޮނޑި ގެއްލުވާލަމުންދާ އުސޫލުން އެކަން ކުރާނަމަ ގާނޫނު އަސާސީގެ 74 ވަނަ މާއްދާއަށް އިސްލާހު ގެނެސްގެން ކޮމިޝަނުން އަމަލުކުރާ ގޮތަށް އަަމަލުކުރަން އެދޭ ކަމަށްވެސް ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ ފަރާތަކީ ސުޕްރީމް ކޯޓެވެ.
ފައިސަލް ވިދާޅުވީ ދިވެހި ދައުލަތަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ހިދުމަތަށް މަސައްކަތް ކުރާ ފަދައިން ދައުލަތުގެ އެހެން މުއައްސަސާތަކުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރެވޭ ގޮތަށް ސަލާމަތީ ފަރާތްތަކުން މަސައްކަތް ކުރަންވާނެ ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ ދައުލަތުގެ އެންމެ ބާރުގަދަ މުއައްސަސާ ކަމުގައިވާ ރައްޔިތުންގެ މަޖިލީހަށް ސިފައިންނާއި ފުލުހުން ގަނޫނާ ހިލާފަށް ވަދެ މަޖިލީހުގެ ގާނޫނީ މަސައްކަތްތައް ހުރަސް އެޅޭގޮތަށް އަމަލުކުރައްވާ މަންޒަރު ކަމަށެވެ.
ޖަލުގައި މިވަގުތު ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާ ގުޅޭގޮތުން ފައިސަަލް ނަސީމު ވިދާޅުވީ ފާރިސް ހުންނެވީ ކުރެވިފައި ނުވާ ދައުވާއެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި މީހެއް ފަދައިންނެވެ. ފާރިސް އަކީ ހިތްވަރު ގަދަ ކެރޭ ބޭފުޅެއް ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ފާރިސްގެ މައްޗަށް އުފުލާފައިވަނީ ތަހުގީގުކުރެވުނު މައްސަލައިގެ ދައުވާ ނޫން ކަމަށްވާތީ އޭނާއާ ދެކޮޅަށް ކުރާނެ ދައުވާއެއް ވެސް ނެތް ކަން އިނގޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ ފާރިސްގެ އިތުރުން ހައްގު ބަސް ބުނި ކޮންމެ ސިޔާސީ ލީޑަރަކަށް ވެސް ވަނީ ކޮންމެވެސް ކަހަލަ އަދަބެއް ނުހައްގުން ދީފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން އަދަބު ދީފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކަމަށާއި އާލާސްކަންފުޅާ އޮންނަވަނިކޮށް އެމަނިކުފާނަށް އިއްވާފައިވަނީ ރޭގަނޑުގެ ދަންވަރުގެ ވަގުތެއްގައި ހިތްފަޅައިގެންދާ ފަދަ ހުކުމެއް ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ