ތިމަރަފުށިން ކަރަންޓު ކެނޑުމުން އެރަށު ގެއެއްގެ ބަދިގެއެއްގައި ރޯވެއްޖެ

ތ.ތިމަރަފުށިން ކަރަންޓު ކެނޑުމުން އެރަށު ގެއެއްގެ ބަދިގެއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ތިމަރަފުށީ ކައުންސިލަރު އަލީ މޫސާފުޅު ވީނިއުސްއަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެރަށުން ކަރަންޓު ކެނޑުމުން ރޯކުރި އުއްބަތިއެއްގެ ސަބަބުން ކަމަށެވެ.
ދަންވަރު 1:30 ހާއިރު ސައިމާގެ ބަދިގޭގައި އަލިފާން ރޯވީ ފްރިޖްމަތީގައި އޮތް ފޮތިގަނޑެއްގެ މަތީގައި ބަހައްޓާފައި ހުރި އުއްބައްތި އެއްކޮށް ވިރިގެން ކަމަށް އަލީ ވިދާޅުވިއެވެ. އަންހެނަކާއި 2 ކުޑަކުދިން ދިރިއުޅެމުން ގެންދާ މިގޭގެ ބަދިގެ އަލުން މަރާމާތު ކުރުމަށް 60 ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.
ތިމަރަފުއްޓަށް ކަރަންޓުދޭ 600 ކިލޯވޮޓުގެ ޖަނަރޭޓަރު ހަލާކުވުމާއި ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ހަވީރުއްސުރެ އެރަށަށް ކަރަންޓު ދިނުމުގައި ވަނީ މައްސަލަތައް ކުރިމަތިވެފައެވެ. އަލީ ވިދާޅުވީ މިހާރު 600 ކިލޯވޮޓުގެ ޖަނަރޭޓަރު އެއްކޮށް ރަނގަޅުކޮށް މުޅި ރަށަށް ކަރަންޓު ދީފައިވާ ކަމަށެވެ. މިހާރު ކަރަންޓު ކެނޑޭ މައްސަލަ މުޅިން ހައްލުކުރެވިފައިވާ ކަަމަށާއި ކަރަންޓު ކެނޑުމަކީ ދެން ވަރަށް ނާދިރު ކަމެއް ކަމަށް އަލީ ވިދާޅުވިއެވެ.
ގާތްގަނޑަކަށް 2500 މީހުންގެ އާބާދީއެއް އޮންނަ ތިމަރަފުށީގައި 280 ގޭބިސީ ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ