2018 ވަނަ އަހަރު ރައްޔިތުންނާއި ބައްދަލުކުރީ ތަރައްޤީއާއެކު – މިނިސްޓަރ ސައީދު

2018 ވަނަ އަހަރު ދިވެހި ލޮބުވެތި ރައްޔިތުން ބައްދަލު ކުރީ ތަރައްޤީއާއެކުކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"މިތިބޫ ރައިސް ޔާމީނާއި އެކީ" ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ 2013 ވަނަ އަހަރު ދިވެހި ރައްޔިތުންނާއި ބައްދަލު ކުރީ ބިރުވެރިކަމާއި ނާމާން ކަމުން ފުރިގެން ކަމަށާއި އެހެންނަމަވެސް 2018 ވަނަ އަހަރާއި ދިވެހި ލޮބުވެތި ރައްޔިތުން ކުރިމަތިލީ ތަރައްޤީގެ ފޮނިމީރުކަމާއިއެކު ކަމަށެވެ.
މިތަރައްޤީ ދުށުމަށްޓަކައި 2013 ވަނަ އަހަރު ދިވެހި ރައްޔިތުން ރައީސް ޔާމިން ހޮއްވެވިއިރު އެކަމަށްޓަކައި ހައްދުމަތީގެ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާ އެއްވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ރައީސް ޔާމީން ޤައުމާއި ޙަވާލުވެ ވަޑައިގަތްއިރު ޤައުމު ދަރަނިވެފައި އޮތްއޮތުން މިއަދު އަރަނިވެރިކަމަށް ބަދަލުކޮށް ރާއްޖެއަށް ތަރައްޤީގެ ރަން ދުވަސްތަކެއް ގެނެސްދެއްވައިފި ކަމަށެވެ.
ރައީސް ޔާމީނަކީ ހިތްވަރު ގަދަ ވެރިއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ދިވެހި ރައީސެއްގައި ހުންނަންޖެހޭ ހުރިހާ ކޮލިޓީއެއް އެމަނިކުފާނުގެ ކިބައިގާ އެބަ ހުންނެވި ކަމަށާއި ބޭރުގެ ފަރާތްތަކުން އެމަނިކުފާނަށް ގޮން ޖައްސަވަނީ އެކަމަށްޓަކައިކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، އެއްވެސް ޕާޓީއަކާއި ނުގުޅި ތިއްބެވި ރައްޔިތުންވެސް މިއަދު ޤައުމުގެ ޙައްޤުގައި ތަރައްޤީގެ ރާސްތާ ޚިޔާރު ކުރަންޖެހޭކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ