ބަންގްލަދޭޝް ރައްޔިތުން މުޒާހަރާކުރުމަކީ ކަންބޮޑުވާކަމެއް - އަދާލަތު

ދިވެހިރާއްޖެއަކީ ބަނގްލަދޭޝްގެ ގިނަ ރައްޔިތުން ތަކެއް ވަޒީފާ އަދާކުރަމުންދާ ގައުމެއް ކަމަށާއި ބަންގްލަދޭޝް ބައެއް ރައްޔިތުން މުޒާހިރާ ކުރުމަކީ ޢަދާލަތުޕާޓީއިން ކަންބޮޑުވާ ކަމެއް ކަމަށް އެޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެފަދަކަންތަކަކީ ރާއްޖޭގެ ވެށި އިތުރަށް ހަލަބޮލިވެ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން ފެތުރޭނެ ކަމެއްކަމުގައި ދެކޭ ކަމަށާއި ކޮންމެފަދަ ސަބަބަކާއިހެދި ކަމުގައިވިޔަސް ބޭރު ގައުމުގެ ރައްޔިތުން ރާއްޖޭގައި މުޒާހިރާކޮށް ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންތައް ކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
"ބަނގްލަދޭޝްގެ ޖަމާޢަތުލްއިސްލާމީގެ އިސް ލީޑަރަކަށް މަރުގެ ޙުކުމް އިއްވުމާއި ގުޅިގެން އެއީ އިންސާފުން ބޭރުގައި ކުރެވުނު ޙުކުމެއް ކަމުގައި ވަރަށްގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އިސްލާމީ ދުނިޔޭގެ އެކިއެކި މުއައްސަސާ ތަކުން ދަނީ މިޙުކުމާއިމެދު ކަންބޮޑުވެ މިކަން ކުށްވެރި ކުރަމުންނެވެ." އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.
"މިކަމާއިމެދު ކަންބޮޑުވެ މި ޙުކުމް އަބުރާ ގެނައުމަށާއި މުސްލިމް ޢިލްމުވެރިންނަށާއި ލީޑަރުންނަށް ނުޙައްގުން އަނިޔާ ނުކުރުމަށް ބަނގްލާދޭޝްގެ ސަރުކާރަށް އިލްތިމާސް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިސްލާމީ އުންމަތުގެ ޢިލްމުގެ އެންމެބޮޑު މަރުކަޒު ކަމުގައިވާ ޖާމިޢުލްއަޒުހަރުވެސް ހިމެނެއެވެ." އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
އަދާލަތު ޕާޓީން ބުނެފައިވަނީ މިފަދަ މުޒާހަރާތަކުން ދުރުހެލި ވުމަށާއި އަދި ހުއްޓުވުމަށް ކަމާއިގުޅުން ހުރި ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ