ވަގުތީ ސަރުކާރެއް ގާއިމުކުރަން ނުޖެހޭނެ ކަމަށް މައުމޫން ވިދާޅުވެއްޖެ

ގާނޫނު އަސާސީގައި ވަރަށް ސަރީހަ އިބާރާތުން ކަންކަން ކުރަންވީ ގޮތް ބުނެދީފައިވާ ކަމަށާއި ވަގުތީ ސަރުކާރެއް ގާއިމުކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޑރ.ވަހީދު އިސްތިއުފާދެއްވާ އިންތިގާލީ ސަރުކާރެއް ގާއިމުކުރަން އެމްޑީޕީންނާއި ރައީސް ނަޝީދު ގޮވާލާފައިވާތީ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ގާނޫނު އަސާސީގައި ވަރަށް ސަރީހަކޮށް ކަންކަންކުރަންވީ ގޮތް ބުނެފައިވާ ކަމަށާއި އޭގައި އެއްގޮތަކަށް ވެސް ވަގުތީ ސަރުކާރެއް އޮންނަންޖެހޭނެ ކަމަށް ބުނެފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނު އަސާސީ ވަރަށް ސަރީހަކޮށް އެބަ ބުނޭ ކަންކުރަންވީ ގޮތް، އެއަކު ނެތް އެއްގޮތަކަށް ވެސް އިންޓަރިމް ސަރުކާރެއް ނުވަތަ ވަގުތީ ސަރުކާރެއް އޮންނަޖެހޭ ވާހަކައެއް، ކޮންމެ ރައީސަކު ވެސް އެމަނިކުފާނުގެ މުއްދަތު ހަމަވަންދެން ހުންނަވާނެ." ރައީސް މައުމޫން ވިދާޅުވި އެވެ.
މިހާރު އިންތިހާބު ބާއްވަން މިއޮތީ މިނިވަން މުއައްސަސާއެއް ކަމަށްވާ އިލެކްޝަންސް ކޮމިޝަން ކަމަށާއި އިލެކްޝަންސް ކޮމިޝަނޚި ބާރު ހިނގާ އަދި ބާރު ހިގައިގެން ވާނެ ތަނެއް ވެސް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށާއި ވަގުތީ ސަރުކާރެއް ގާއުމުކުރަން ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ