ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރު ހުޅުވުމަށް މާޗް 1 ވަނަ ދުވަހު ބާއްވާ ޖަލްސާއަށް ރައީސް ޑރ.ވަހީދު ހަސަން މަނިކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާއިރު "ޕޮލިސް ލައިން" ދަމާލާނެ ކަމަށް ބުނެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ރައީސް ޑރ.ވަހީދަށް އިންޒާރުދެއްވައިފި އެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ދޫކުރި އުސްފަސްގަނޑު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ހައި ކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒުކުރުމަށް ފުލުހުން އުސްފަސްގަނޑު ބަންދުކުރުމާއި ގުޅިގެން އެ ސަރަހައްދާ ކައިރިން ބޮޑުތަކުރުފާނުމަގުގައި ރޭ ބޭއްވި އެމްޑީޕީގެ އެއްވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އުސްފަސްގަނޑަށް ފުލުހުން އަރާ އުސްފަސްގަނޑު ބަންދުކުރުމުގެ ކުރިން އެމްޑީޕީން ތިބީ މާޗް މަސް ނިންމާލަން ވަރަށް މަޑުމައިތިރިކޮށް ކަމަށެވެ.
ނަމަވެސް އުސްފަސްގަނޑު ބަންދުކޮށް އެތަނުގައި ފުލުހުންގެ ލައިން ދަމާލުމުގެ ސަބަބުން މިއަދު އެމްޑީޕީ "ކައްކުވާލައިފި" ކަމަށާއި މާޗް 1 ވަނަ ދުވަހު ރައީސް ޑރ.ވަހީދު މަޖިލީހަށް ވަޑައިގަންނަވާއިރު "ހަމަ ޕޮލިސް ލައިން މިގޮތަށް ދަމާލާނެ" ކަމަށެވެ. އަދި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ފުލުހުން މިއަދު ނިކުތީމަ ލަދުގަންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން އަލުން ވެރިކަމަށް އަންނާނެކަމަށާއި ނަމަވެސް އެއްވެސް ފުލުހަކަށް އެއްވެސް ސިފައިންގެ މީހަކަށް ނުހައްޤުން އެއްވެސްކަމެއް ނުކުރާނެކަމަށާއި ނަމަވެސް އަތުގައި "ލިސްޓެއް" އެބައޮތްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ އެލިސްޓަކީ ދިގު ލިސްޓެއް ނޫންކަމަށާއި އެއީ ދިހަވަރަކަށް ވިއްސަކަށް މީހުންކަމުގައެވެ.
އަދި އެމީހުންގެ ދިފާއިގައި ފުލުހުންގެ ކެރިއަށް ހަލާކު ނުކޮށްލުމަށް އަލީވަހީދު ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވީ ހައި ކޯޓުގެ އަމުރުގައި މަގުތަކާއި ދަރުބާރުގެ ފުރަގަހުގައި އޮތް މަގު ބަންދުކުރަން ނެތް ކަމަށެވެ.
"އަޅުގަނޑުމެން ތެރޭގައި އެއްވެސް މާޔޫސްކަމެއް ނެތް، އަޅުގަނޑުމެން ތިބީމު ރާޅުގަނޑުގައި ވެސް، އަޅުގަނޑުމެން ތިބީމު އުސްފަސްގަނޑުގައި ވެސް، އަޅުގަނޑުމެން މިތާބު ވެސް ތިބީމު، އަޅުގަނޑުމެންނަށް އިނގޭނެ ޗާންދަނީ މަގު ވެސް، އަޅުގަނޑުމެންނަށް އިނގޭނެ ފުލުހުންގެ އިދާރާ ވެސް،" ފުލުހުންނަށް އިންޒާރުދެއްވަމުން އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ މި "ހަނގުރާމަ" އަކީ ފުލުހުންނަށް އޮތް ހަނގުރާމައެއް ނޫން ކަމަށާއި މިހަނގުރާމައަކީ ސިޔާސީ ބޭފުޅުންނަށް އޮތް ހަނގުރާމައެއް ކަމަށެވެ. ނަމަވެސް ޣައިރު ގާނޫނީ އޯޑަރަށް ފުލުހުން ބޯލަނބަންޏާ އެއީ ސައްހަ ފުލުހުންކަމަށް އެމްޑީޕީން ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި އެމްޑީޕީން އެއްވެސް ވަރަކަށް މާޔޫސްއެއް ނުވެ އެވެ. އަދި ހިތްވަރު އެލުވާނުލާ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ އެވެ. އޭނާ ވިދާޅުވީ "ހުރިހާ ވޭނެއްގައި އުޅޭއިރު" ވެސް ވައުދު ދަތުރާއި ސިޔާސީ ހަރަކާތްތައް ރައްޔިތުންގެ ކުރިމަތީގައި ހިންގަމުންދާ ކަމަށެވެ.
ރައީސް މަޖިލީހަށް ވަންނައިރު ޕޮލިސް ލައިން ދަމާލާނަން - އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ