ނޮޅިވަރަމްގައި ކަރަންޓު ނެތުމުން ރައްޔިތުން މުޒާހަރާގައި

މިއަދު މެންދުރުން ފެށިގެން ހދ. ނޮޅިވަރަމުން ކަރަންޓު ކެނޑިފައިވާތީ ރަށު ރައްޔިތުން ނުކުމެ، މުޒާހަރާ ކުރަން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލް މެމްބަރު މަރިޔަމް ހަބީބު ވިދާޅުވީ މުޅި ރަށުން ކަރަންޓު ކެނޑިފައި ވަނީ މެންދުރު 12:00 އެހައިކަންހާއިރު ކަމަށާއި ކަރަންޓު ކެނޑިފައި ވަނީ ޖަނެރޭޓަރު ހަލާކުވުމުން ކަމަށެވެ. ކަރަންޓު ކެންޑިފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން އެ ރަށު އިންޖީނުގޭ ކުރިމަތީގައި ރައްޔިތުންގެ ތެރެއިން ބަޔަކު މުޒާހަރާ ކުރަމުން އަންނަ ކަމަށް ވެސް މަރިޔަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި މިހާރު ބޭނުން ކުރަނީ 160 ކިލޯވޯޓުގެ ޖަނެރޭޓަރެއް ކަމަށާއި އެއީ އެ ރަށަށް ކަރަންޓު ދިނުމަށް އެކަށީގެންވާ ޖަނެރޭޓަރެއް ނޫން ކަމަށެވެ.
"މިހާރު ފަސް މަސް ދުވަސް ވެއްޖެ އެ ޖަނެރޭޓަރު ބޭނުން ކުރާތާ. 160 ކިލޯވޯޓުގެ އެ ޖަނެރޭޓަރަކީ މިރަށަށް ކަރަންޓު ދިނުމަށް އެކަށީގެންވާ އެއްވެއްޗެއް ނޫން،" މަރިޔަމް ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ނޮޅިވަރަމުން ކަރަންޓު ކެނޑިފައި ވަނީ ވޯލްޓޭޖްމަތިވެގެން ކަމަށާއި އެ ރަށަށް ކަރަންޓު ދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށަކީ ފުދޭވަރަކަށް އާބާދީ ބޮޑު ރަށަކަށް ވެފައި، އިންޖީނުގޭގައި ހުރި ކެޕޭސިޓީން އެންމެ ބޭނުންވާ ގޮތަށް ކަރަންޓު ނުދެވޭ ކަމަށެވެ.
ސަރުކާރުގެ ބަޖެޓުން 150 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގަތުމަށް ހަމަޖެހިފައިވާ 78 ޖަނެރޭޓަރުގެ ތެރޭގައި ނޮޅިވަރަމްގެ ޖަނެރޭޓަރު ވެސް ހިމެނޭ ކަމަށާއި ޖޫން މަހުގެ ތެރޭގައި ޖެނެރޭޓަރު ލިބި އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ