ވޯޓުން ބަލިވެގެން ވެރިކަމުގައި ނުހުންނެވޭނެ، ރައްޔިތުން އެކަން ނިންމާނެ: އިބޫ

މި މަހުގެ 23 ވަނަ ދުވަހު ނަގާ ވޯޓުން ބަލިވެއްޖެ ނަމަ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމުގައި ނުހުންނެވޭނެ ކަމަށާއި އެއީ ރައްޔިތުންގެ ނިންމުން ކަމަށާއި ރައްޔިތުން އެކަން ތަންފީޒު ކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެއެވެ.
ހއ.ތަކަންދޫގައި މިއަދު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ވޯޓު ނުލިބުނު ނަމަވެސް ވެރިކަމުގައި ހުންނަވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ބުނަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއް ކަމަށާއި އެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފެނޭ އެ ޖަހާ ހިސާބެއް. އަޅުގަނޑަކަށް ނުފެނޭ އެފުރުސަތު ރައްޔިތުން ރައީސް ޔާމީނަށް ދެއްވާތަނެއް. ރައްޔިތުންގެ ނިންމުމާއެކީގަ ރައްޔިތުން އެ ތަންފީޒު ކުރާނެ. އެއަށް ހގުރަސް އަޅާނެ ފަރާތެއް، މީހެއް، އިދާރާއެއް ރާއްޖެއަކު ނުހުންނާނެ،" އިބޫ ވިދާޅުވިއެވެ.
އިބޫ ވަނީ އިންތިހާބު ކުޑަތަން ވެފައިވާ އިރު ކަންކަން ފަސޭހަކޮށްލައިގެން ނުތިބުމަށް ގޮވާލައްވާފައެވެ. "ތިބޭފުޅުން ކުރައްވަންވީ ކަމަކީ އެ ދުވަހު ނުކުމެވަޑައިގެން ވޯޓު ލައްވަންވީ. އަދި ނަތީޖާ އިއުލާން ކުރަންދެން ތިބޭފުޅުން އެތާ ތިއްބަވަންވީ. ނަތީޖާ ހިފައިގެން ގެއަށް ވަޑައިގަންނަވަންވާނީ. އޭރަށް ތިބޭފުޅުންނާއެކު ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނެ ގެއަށް ވަޑައިގަންނަވަން،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަ މަންޒަރަކީ ވެސް އެއީ ކަމަށާއި ހުރިހާ އެންމެން ކުރަމުންދާ މަސައްކަތް 23 ސެޕްޓެމްބަރުގައި ބޮޑުތަނުން ކާމިޔާބުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ