ހިތަދޫ އުތުރު ދާއިރާ އަށް ވޯޓުލުމުގެ ހައްގު ލިބެނީ 4،120 މީހުންނަށް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީީ) އިން މިއަދު އާންމުކޮށްފި އެވެ. 
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އެ ބައި އިލެކްޝަންގައި ވޯޓުލުމަށް ހަތް ވޯޓު ފޮށި ބަހައްޓަ އެވެ. އީސީން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު 4،120 މީހަކަށް ލިބެ އެވެ. 
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާން އެވެ. އެކަމަކު ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.
އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ހުކުމް ކުރުމާ އެކު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެ ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅައިފަ އެވެ.
މުއްދަތު ހަމަވިއިރު އެކަމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އަދި ޕީއެންސީން ސިނާންގެ އިތުރުން އަހުމަދު ސައީދު (ސޮޑާ) ކުރިމަތިލެއްވިއިރު އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރީ ސިނާން އެވެ. 
އެކަމަކު ޕީއެންސީން ބުނާ ގޮތުގައި އާއިލާ އަަށް ވަގުތު ދިނުމުގެ ގޮތުން ސިނާން ވަނީ ޕީއެންސީގެ ޓިކެޓު ސައީދަށް ދޫކޮށްލައްވައިފަ އެވެ. 
ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅުން ވެސް ގެންދަނީ ވަރަށް ވާދަވެރި ކެމްޕެއިނެއް މިހާރު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ