އޭސީސީ އުވާލައި ކޮރަޕްޝަން ހުއްޓުވުމުގެ އައު އިޞްލާޙީ ނިޒާމެއް ޤާއިމުކުރަން ޖެހޭ: ޝަމީމް

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށް ފެއިލްވެފައިކަމަށާއި، ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށް ހަރުދަނާ އިޞްލާޙީ ނިޒާމެއް ޤާއިމުކުރަން ޖެހޭކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމުގެ ނިޒާމު މިހާރު އޮތް ގޮތުން، ދަޢުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އަށަގަންނަ ބޮޑެތި ޚިޔާނާތްތައް ހުއްޓުވުމަށް ވަނީ ނުކުޅެދިފައެވެ. ޝަމީމުގެ ބްލޮގް ޕޯސްޓްތަކުގައި ފާހަގަކުރައްވާފައިވާ ސިޔާސަތުތަކާއި އިޞްލާޙީ ނުކުތާތަކުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މިހާރުގެ އޮނިގަނޑު ފެއިލްވެފައިވާ މިންވަރު ތަފްޞީލީ ގޮތެއްގައި ހާމަވެގެންދެއެވެ. އޭސީސީގެ މިހާރުގެ އޮނިގަނޑަކީ އިޞްލާޙުކޮށްގެން ނަތީޖާ ނެރެވޭނެ އޮނިގަނޑެއް ނޫންކަން ހާމަވަނީ، ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ދިނުމުގެ ބަދަލުގައި، އެ މުޢައްސަސާއަކީ  އިދާރީ ލަސްވުންތަކެއްގެ ތެރޭގައި ބަންދުވެފައިވާ ތަނަކަށް ވެފައިވާތީއެވެ.
އަދުގެ ޙާލަތު:
އޭސީސީގެ މިހާރުގެ މަސައްކަތްތައް ހުރި ގޮތުން ޖަވާބުދާރީ ކުރަނިވި ނިޒާމެއް ޤާއިމްވުުމުގެ ބަދަލުގައި، އެ މުޢައްސަސާ ވަނީ ނިޒާމީ ގޮތުން ފެއިލްވެފައެވެ. މިކަން އެންމެ ބޮޑަށް ހާމަވަނީ އެ ކޮމިޝަނުގައި ނުނިމި ހުރި މައްސަލަތަކުގެ ބެކްލޮގަށް ބަލާއިރު، މިވަގުތުވެސް 3,501 މައްސަލަ ނުނިމި އޮތުމުންނެވެ. މިހާރު މައްސަލަތައް ނިންމާ ދުވެއްޔަށް ބަލާއިރު، އައު މައްސަލައެއް ހުށަނޭޅުނަސް މިހާރު ހުރި މައްސަލަތައް ނިންމުމަށް 11 އަހަރުގެ ދިގު މުއްދަތެއް ހޭދަވާނެ ކަމަށް ބެލެވޭއިރު، މިއީ އިންސާފަށް ހުރަސްއެޅޭ ”އިދާރީ ލަސްކަމެއް“ ކަމަށް މިހާރުގެ ކޮމިޝަންގެ ރައީސްވެސް ވަނީ އިޢުތިރާފުވެވަޑައިގެންފައެވެ.
މީގެ އިތުރުން، 2019އިން 2023އަށް އޭސީސީން ބެލި 4,345 މައްސަލައިގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރަން ފޮނުވައި ބަލައިގަނެވިފައިވަނީ އެންމެ 19 މައްސަލަ ކަމަށްވުމުން، ދަޢުވާކުރުމުގެ ނިސްބަތް އުޅެނީ އެންމެ 0.43 އިންސައްތައިގައެވެ. ފައިސާ އަނބުރާ ހޯދުމުގައިވެސް މަންޒަރު ފެންނަނީ ނުހަނު ނިކަމެތިކޮށް ކަމަށްވާއިރު، ދަޢުލަތަށް ގެއްލިފައިވާ ފައިސާގެ ތެރެއިން 272 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ޢަމުރުކުރެވުނު ނަމަވެސް، ޢަމަލީގޮތުން ހޯދިފައިވަނީ އެންމެ 350,058 ރުފިޔާ ކަމުން ފައިސާ އަނބުރާ ހޯދުމުގެ ނިސްބަތް އުޅެނީ އެންމެ 0.13 އިންސައްތައިގައެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާ ބޮޑެތި ޚިޔާނާތްތައް ބެލުމުގައިވެސް އޭސީސީ ވަނީ އިޙޫމާލުވެފައެވެ. މީގެ އެންމެ ބޮޑު އެއް މިސާލަކީ ފެނަކަ ކޯޕަރޭޝަންގެ މައްސަލައެވެ. ޚާއްޞަ އޮޑިޓަކުން ހާމަވި ގޮތުގައި، ޓެންޑަރުގެ އުޞޫލުތަކާ ޚިލާފަށް 1.37 ބިލިއަން ރުފިޔާގެ ކޮންޓްރެކްޓްތައް ވަނީ ބަޔަކަށް ބަހާލާފައެވެ. މިފަދަ ބޮޑެތި ޚިޔާނާތްތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، އޭސީސީން އިސްކަންދެނީ ކުދިކުދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަށެވެ. މިއީ ދަޢުލަތުގެ ބޮޑެތި މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ބޭނުންކުރާ އުކުޅެއްކަމަށް ބެލެވެއެވެ.
ޝަމީމު ހުށަހަޅުއްވަފައިވާ އިސްލާޙީ ބަދަލުތައް
އޭސީސީގެ މިހާރު އޮތް 5 މެންބަރުންގެ ބޯޑުގެ ސަބަބުން އުފެދޭ ޖަމާޢީ ނިންމުންތަކުގެ ނުކުޅެދުންތެރިކަމާއި، ސިޔާސީ ގޮތުން މެންބަރުންނަށް ލިބޭ ރައްކާތެރިކަން ނައްތާލުމަށްޓަކައި، އެންމެ ”އެންޓި-ކޮރަޕްޝަން ކޮމިޝަނަރެއް“ ހުންނަ ނިޒާމަކަށް ބަދަލުވާންޖެހެއެވެ. މި ނިޒާމުގެ ދަށުން ކޮމިޝަނަރަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ، އަދި ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބޭފުޅަކަށް ވާންޖެހޭއިރު، މަޤާމުގެ ދައުރަކީ އައު ނުކުރެވޭ ގޮތަށް ކަނޑައެޅޭ 5 އަހަރުގެ އެއް ދައުރެވެ. މަޤާމަށް ކުރިމަތިލާއިރު، އެ 5 އަހަރުގެ ދައުރުގެ ތެރޭގައި ޙާސިލުކުރާނެ ނަތީޖާތަކާއި މަސައްކަތްކުރާނެ ގޮތުގެ ތަފްޞީލީ މެނިފެސްޓޯއެއް ހުށަހަޅަންޖެހޭނެއެވެ. މިއީ ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަރުގެ މަސައްކަތްތައް މިނެކިރާނެ އަސާސީ މިންގަނޑަށް ވާނެއެވެ. މި ބަދަލާއެކު، ނަތީޖާ ނުނެރެވޭނަމަ މަޤާމުން ވަކިކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތުމުން، ސިޔާސީ ނުފޫޒުން އެއްކިބާވެ ހުރެ ނިންމުންތައް އަވަސްކުރުމުގެ ފުރުޞަތު ކޮމިޝަނަރަށް ލިބިގެންދާނެއެވެ.
އޭސީސީގައި މިހާރު ތިބި އިންވެސްޓިގޭޓަރުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ މަދުވުމުގެ ސަބަބުން ތަޙްޤީޤުތައް ކޯޓުތަކުގައި ދިގުދެމިދިއުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ފުލުހުންގެ ތެރެއިން ތަމްރީނު ލިބިފައިވާ 30 ތަޙްޤީޤީ އޮފިސަރުން ސެކަންޑްމަންޓް އުޞޫލުން އޭސީސީއަށް ވީއްލައިގެން ގެންނަންޖެހެއެވެ. މި އޮފިސަރުން ކޮންމެ 3 އަހަރަކުން ބަދަލުކުރާ ނިޒާމެއް ޤާއިމުކުރުމަކީ، އެއް ތަނެއްގައި ގިނަ ދުވަހު ތިބުމުން އުފެދޭ ގާތްގުޅުންތަކުގެ ސަބަބުން ނުފޫޒު ފޯރުވުމަށް އޮންނަ ފުރުޞަތު ބަންދުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރުން، ”އިދާރީ ލަސްކަން“ ނައްތާލުމަށްޓަކައި ތަޙްޤީޤުތައް ނިންމަންޖެހޭ 30 ނުވަތަ 60 ދުވަހުގެ ޤާނޫނީ ސުންގަޑިތަކެއް ކަނޑައަޅަންޖެހެއެވެ. މިއީ އިންސާފު އަވަސްކޮށް، ދަޢުލަތަށް ގެއްލޭ ފައިސާ ހޯދުމަށް އޮތް އެންމެ ފުރިހަމަ އެއް ބަދަލުކަމުގައިވެސް ބެލެވެއެވެ.
ނިންމުން
މިހާރުގެ އޭސީސީއަކީ ސިޔާސީ ނުފޫޒު ފޯރުވުމަށް މަގުފަހިވެފައިވާ، އަދި ދަޢުލަތަށް އެތައް ގޮތަކުން އިޙުމާލުވެފައިވާ ތަނެކެވެ. މީގެ އެންމެ ސާފު ހެއްކަކީ، ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށް، އެ ކޯޓުގެ 3 ފަނޑިޔާރުންގެ މައްސަލަ އޭސީސީން ބަލަން ފަށައި، އެ ބޭފުޅުން ސަސްޕެންޑް ކުރުމަށް މަގުފަހިކުރުމެވެ. މީގެ ސަބަބުން ޤާނޫނީ ގޮތުން ބަލަންޖެހޭ މުހިންމު ދުސްތޫރީ މައްސަލަތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އެހެންކަމުން، މިހާރުގެ އޭސީސީ އުވާލައި، ސިންގަލް ކޮމިޝަނަރު ނިޒާމަކަށް ބަދަލުކުރުމަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް މިވަގުތު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މި ނިޒާމު އިޞްލާޙުނުކޮށް، ކޮރަޕްޝަނާ ދެކޮޅަށް ކުރާ އެއްވެސް މަސައްކަތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭނެކަން އަދުގެ ޚާލަތަށް ބަލާއިރު ކަށަވަރުވެގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ