ގދ. ފަރެސްމާތޮޑާ ހުވަދޫ ސްކޫލް ކުދިންގެ އިއްޔެގެ ހެނދުނުގެ ނާސްތާއިން ފުޅަތަކެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ ސޯޝަލް މީޑީއާގައި މިކަމާ ގުޅިގެން އާންމުވި ވީޑިއޯއަކާއި ގުޅިގެނެވެ. މިކަން ''ވަން އޮންލައިން'' އަށް ސްކޫލްގެ ޕްރިންސިޕަލް އަބްދުލް ރައޫފް ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރައޫފް ވިދާޅުވީ އިއްޔެ ހެނދުނު މިފަދަ ހާދިސާއެއް ސްކޫލުގައި ހިނގާފައިވާ ކަމަށެވެ. އަދި މިކަން މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ރައޫފު ވިދާޅުވިއެވެ. މީގެ އިތުރުން މިކަމާއި ގުޅިގެން ސްކޫލުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ރައޫފު ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފުޅަ ފެނިފައިވަނީ ދަރިވަރުންގެ ނާސްތާއަށްފަހު ބާކީވި ނާސްތާއިން ޓީޗަރަކު ކާން އުޅުނު ސޭންޑްވިޗެއްގެ ތެރެއިންނެވެ. އަދި އެކަން ސްކޫލްގެ އިސްވެރިންނަށް އަންގައި، ސްކޫލަށް ނާސްތާ ފޯރުކޮށްދޭ ފަރާތަށް ވެސް އަންގާފައިވާކަމަށް ރައޫފު ވިދާޅުވިއެވެ. މީގެ ކުރިން އެ ސްކޫލްގެ ނާސްތާއިން އިސްތަށިފެނިފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑީއޯ ---
މިކަމާ ގުޅިގެން ''ވަން އޮންލައިން''އިން އެޑިއުކޭޝަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ނާސްތާ ޕްރޮގްރާމުގެ އުސޫލާ ހިލާފަށް ބައެއް ސްކޫލުތަކުގައި ކަންކަން ހިނގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުން ހިންގާ އެފަދަ ޕްރޮގްރާމުތަކަށް ބެލެނިވެރިން ކުރާ އިތުބާރު ގެއްލޭ ކަމަށް އެޑިއުކޭޝަނުން މީގެ ކުރިން ބުނެފައިވެއެވެ.
ރައީސް ސޯލިހުގެ ރިޔާސީ ވައުދުތެރޭ ހިމެނޭ ނާސްތާ ޕްރޮގްރާމަކީ ދަރިވަރުންނަށް 10 މެނޫއެއްގެ ދަށުން ނާސްތާ ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ފަރެސްމާތޮޑާ ހުވަދޫ ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާއިން ފުޅަތަކެއް ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ