އައްޑޫން 7 ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަނީ

ހޮނިހިރު ދުވަހު އައްޑޫ ސިޓީގެ އެކި ހިސާބުތަކުން ހަތް ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން އަންގައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އައްޑޫގެ ގެތަކަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ ކަރަންޓް ކަނޑާލުމަށް ނިންމާފައިވަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުންކުރާ ޑިސްޓްރިބިއުޝަންޓް ނެޓްވޯކްގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.
ނޯޓިސްގައި ބުނެފައިވާ ގޮތުން ކަރަންޓު ކަނޑާލުމަށް ހަމަޖައްސާފައިވަނީ ހެނދުނު 09:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް ރާވައިފައިވާ ގޮތަށް މަަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ އެއަށްވުރެ އަވަހަށް ކަރަންޓުގެ ޚިދުމަށް އަލުން ލިބޭނެ ކަމަށް ނޯޓިސްގައި ވަނީ ބުނެފައެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަކީ ހައްލު ނުލިބި ދިގުލައިގެން ގޮސްފައިވާ ބޮޑު މައްސަަލައެކެވެ. މިމައްސަަލައަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދާ ބައްދަލުވެސް ކުރައްވާފައެވެ.
ބައްދަލުވުަމަށްފަހު ރޮޒައިނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދަޅުވެފަައިވަނީ މިދިޔަ އާދިއްތަ ދުވހު ހިނގައިދިޔަ ފަދަ ކަރަންޓު ކެނޑުމުގެ މައްސަލައެއް ހޮނިހިރު ދުވަހަށް ފަހު ދިމާނުވާނެ ކަމަށެވެ
މިމައްސަލައާ ބެހޭގޮތުން ދައުލަތުގެ މީޑިޔާއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެފައިވަނީ އައްޑޫގައި މިހާރު ބޭނުންކުރަމުން އަންނަނީ 15 އިންޖީނު ކަމަށެވެ. އަދި އާބާދީ އިތުރުވެފައިވުމާ ގުޅިގެން އިންޖީނުގެ ލޯޑު އަންނަނީ އިތުރުވަމުން ކަމަށާއި ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވަނީ ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވާ ގަޑިތައް ނުވަތަ ޕީކު ގަޑިތަކުގައި ލޯޑު ބޮޑުވުމުގެ ސަބަބުން ކަމަށެވެ.
މިމައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ދުރު ރާސްތާ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށާއި އެގޮތުން ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް 25 މެގަވޮޓުގެ ކަރަންޓު އައްޑޫގައި އުފެއްދޭނެ ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް އައްޑޫގެ ކަރަންޓު އެއްވިއުގައަކުން ގުޅާލާ މިމަޝްރޫއުގެ ދަށުން 1 މެގަވޮޓްގެ ކަރަންޓު އުފެއްދުމަށް ހަމަޖެހިފައިވަނީ ކުނި އަންދައިގެން އުފެދޭ އިއާދަކުރަނިވި ހަކަތައިން ކަމަށާއި އަދި އަވިން ހަކަތަ އުފައްދައިގެން 10 މެގަވޮޓްގެ ކަރަންޓު އުފެއްދުމަށް ހަމަޖައްސާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި 35000 މީހުން ދިރިއުޅެމުން އަންނައިރު އައްޑޫން ކަރަންޓު ކެނޑުމަކީ އާއްމު މައްސަލައެކެވެ. ނިމިދިޔަ ވެރިކަމަުގެ ތެރޭގައިވެސް މިމައްސަލަ އެތައް ފަހަރަކު ޖެހިފައިވިޔަސް، އެކަމަށް އޭރުގެ ސަރުކާރުންވެސް އޮތީ ހައްލު ހޯދައި ނުދެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ