ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ފޮނުވާ މައްސަލަތައް ބަލައިގަތުން މެދުކަނޑާލަފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިގަންނަން ފަށައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް 20 މައްސަލައެއް ފޮނުވާފައިވާ ކަމަށާއި، ކޯޓުން މައްސަލަތައް ބަލައިގެންފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ކްރިމިނިލް ކޯޓަށް ފޮނުވާ މައްސަލަތައް ބަލައިގަތުން މިދިޔަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ކޯޓުން މެދުކަނޑާލީ ޕީޖީގެ ގާނޫނުގައި ޕީޖީގެ މަގާމު ހުސްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަންޖެހޭނެ ކަމަށް ބުނެފައިވާތީ އެމުއްދަތުގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވިފައި ނުވާ ކަމަށް ބުނެ އެވެ.
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ކްރިމިނަލް ކޯޓުން މިއަދު ބަލައިގެންފައި މިވަނީ ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އިއްޔެ ނެރުނު އަމުރަކާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އިއްޔެއާއި އަދި މިދިޔަ މަހުގެ ނުވަވަނަ ދުވަހު ނެރުނު އަމުރުގައި ވެސް ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހިނގަހިނގާއޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަކީ ގާނޫނުއަސާސީގެ ދަށުން ނަގަހައްޓަންޖެހޭ ގާނޫނުގެ ހުކުމް ނެގެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް ހިނގުމަށް ހުރަސްތަކެއް ކުރިމަތިވިޔަނުދީ ކުރިއަށް ގެންދިއުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކްރިމިނަލް ކޯޓުން ދެމުންގެންދާ ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޒަރޫރީ ކަންތައްތައް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދިއުމަށެވެ.
ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ކްރިމިނަލް ކޯޓަށް ބަލައިނުގަންނަނީ ގަވައިދާ އެއްގޮތަށް މައްސަލަތައް ހުށަހަޅަމުން ނުދާތީ ކަމަށް ކޯޓުން މީގެ ކުރިން މީޑިއާގައި ބުނެފައިވީ ނަމަވެސް ޕީޖީ އޮފީހުން މިއަދު ވެސް ކޯޓަށް މައްސަލަ ހުށަހެޅީ މީގެ ކުރިން ވެސް މައްސަލަތައް ހުށަހަޅަމުންދާ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން މައްސަލަތައް ހުށަހަޅާ ގޮތަކަށް އެއްވެސް ބަދަލެއް ނުގެންނަން. އެކަމަކު ކޯޓުން މީގެ ކުރިން ވެސް މައްސަލަތައް ބަލައިގަންނަމުންދާ އާންމު އުސޫލުން މިއަދު ވެސް މައްސަލަތައް އެބަ ބަލައިގަނޭ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވަންޖެހޭ މައްސަލަތައް ކޯޓުން މެދުކަނޑާލުމުން ކްރިމިނަލް ކޯޓަށް ފޮނުވަންޖެހޭ 533 މައްސަލަ ޕީޖީ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް ބޭއްވިފައި އެބައޮތް ކަމަށެވެ.
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ކްރިމިނަލް ކޯޓުން މިއަދު ބަލައިގަންނަމުންދާ ކަމަށް ޕީޖީ އޮފީހުން ބުނި ނަމަވެސް ކްރިމިނަލް ކޯޓުގެ ބަހެއް އަދި ވަނީ މިމައްސަލައިގައި ލިބޭ ގޮތް ނުވެފަ އެވެ.
ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިގަންނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ