ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއިން ހިމާޔަތް ކުރުމަށްޓަކައި އަދުލު އިންސާފަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން އަތުގުޅާލަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިހުޔާ ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއިން ހިމާޔަތް ކުރުމަށްޓަކައި މުޅި އިސްލާމީ އުއްމަތާ އަދަލުއިންސާފަށް ލޯބިކުރާ އެހެނިހެން ފަރާތްތަކުންނާއި ބައިނަލްއަގުވާމީ މުއައްސަސާތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެގަތިގަނޑަކަށް ވެގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ މެދު މިހާރު ހިނގަމުންދާ ކަންކަމާމެދު އިސްލާމީ ނަޒަރުން ފިޔަވާ އިންސާނީ ނަޒަރަކުން ވެސް ވިސްނަންޖެހޭ ކަމަށެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖެފަދަ ކުޑަ ގައުމަކުން ފަލަސްތީނު މައްސަލާގައި ސިޔާސަތު ބަށްޓަންކުރި ގޮތާއި މެދު ފަހަރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެއިން ފަލަސްތީނުގެ މައްސަލާގައި އަޒުމާއެކު ބައިނަލްއަގުވާމީ މުޖުތަމައުގަ ބަސްބުނެފައިވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ފަލަސްތީނުގެ ރައީސަށް ގުޅުއްވައި ރައްޔިތުންގެ ހާލުބައްލަވައި ރާއްޖެއިން އެކަމުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވައުދުވެފައި ވުމަކީ ރާއްޖޭގެ ރައްޔިތުން އެކަމަށްޓަކައި ފަހުރުވެރިވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ގިނަ އިލްމުވެރިން ވަނީ އެކަމަށް އުފާކޮށްފަ. ރައީސްގެ އެއަމަލުފުޅުން ދައްކުވައިދެނީ ރައްޔިތުންގެ ވިންދާއި ޝުއޫރާއިއެކު ދިވެހި ސަރުކާރު އޮތްކަން ދައްކައިދޭ މަތިވެރި ނިޝާނެއްކަން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމީ އުއްމަތަށް އެކި ކަންކޮޅުތަކުގައި ވަނީ ބިރުވެރިކަމާއި ނާމާންކަން ފެތުރުފައި ކަމަށެވެ. އެކަމުން އެކަންކަމުން ސަލާމަތް ވެވޭނީ އިސްލާމީ އުއްމަތް އެކަތިގަނޑަކަށްވެގެން އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ އެދިގެން ހައްގުގެ މަގުން ބަސްބުނެގެން ކަމަށް ވެސް ވިދާޅުވި އެވެ.
މިރޭގެ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަދި ދީނީ އިލްމްވެރިޔާ އަނާރާ ނައީމް ވެސް ވަނީ ތަގުރީރު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާ ތަކާއި ދެކޮޅަށް ހުރިހާ ގިންތިއެއްގެ މީހުން ވެސް އަޑު އުފުލަންޖެހޭ ކަމަށެވެ. އަދި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް އިޒުރޭލުގެ ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް އަނާރާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މީގެ އިތުރުން އިޒުރޭލުގެ އުފެއްދުންތައް ރާއްޖެއިން ބޮއިކޮޓް ކުރުމަށް ވެސް އަނާރާ ގޮވާލެއްވި އެވެ.
ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި އަދުލު އިންސާފަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން އަތުގުޅާލަން ޖެހޭ: ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ