ޖުމްހޫރީ ޕާޓިއާއި ޕީޕީއެމްއާއި ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއިމެދު މަޝްވަރާ ކުރަން މާދަމާ ވެސް ފުރުސަތެއް ބޭނުން ކަމަށާއި އެކަމަށް ޕީޕީއެމް އޮތީ ތައްޔާރަށް ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ސަމޯއާގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު މިރޭ މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވެސް ރައީސް މައުމޫން ވިދާޅުވީ "ޕީޕީއެމް އޮންނާނީ އަބަދުވެސް [މަޝްވަރާއަށް] ތައްޔާރަށް" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ އަމާޒަކީ އަބަދުވެސް ހުރިހާ ޕާޓީތަކާއެކު މަޝްވަރާކޮށް ކޯލިޝަން ހަދައި ކުރިޔަށް ދިއުން ކަމަށާއި ފުރުސަތެއް ލިބިއްޖެއްޔާ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ކުރުމަށް ޕީޕީއެމާއި އެމަނިކުފާނު ތައްޔާރަށް އޮތް ކަމަށެވެ.
"[ކޮންފަރެންސަށްފަހު] ހަމަ އަޅުގަނޑު މި އައީތާ މާލެ. މާދަމާއިން ފެށިގެން ވެސް [ޖުމްހޫރީ ޕާޓީއާއެކު ވާހަކަ ދައްކަން] ފުރުސަތެއް ލިބިއްޖެއްޔާ ޕީޕީއެމުން އެ ފުރުސަތަކަށް މަރުުހަބާ ކިޔާނެ،" މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން މައުމޫނު ވިދާޅުވީ ޕީޕީއެމްއާއި ސަރުކާރުގެ ތެރޭގައި މައްސަލަތަކެއް ހުރިކަމަށް ދެކެވޭ ވާހަކަ ތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. ނަމަވެސް ބައެއް ކަންތައް ތަކުގައި ހިޔާލު ތަފާތުވުންތައް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސަތު ތަކާއި އުސޫލް ތަކަކީ ހިޔާލު ތަފާތުވާނެ ކަންކަން ކަމަށާއި އެއީ އެކަން ވާން ވެސް ޖެހޭނެ ގޮތް ކަމަށެވެ. އެހެން ނަމަވެސް އެއީ ސަރުކާރުގެ ތެރޭގައި މައްސަލަ ތަކެއް ހުރުން ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މައްސަލަތަކެއް ނެތް ދެއްތޯ؟. އެހެން ނަމަވެސް ބައެއް ކަހަލަ ކަންކަމުގައި ހިޔާލު ތަފާތުވުން އޮތުން އެކަށީގެންވޭ. އެއީ ތޮބީއީ ކަމެއް،" މައުމޫނު ވިދާޅުވިއެވެ
ޖޭޕީއާއެކު މަޝްވަރާ ކުރަން މާދަމާވެސް ފުރުސަތު ބޭނުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ