ސާކު ވަނީ ރައްޔިތުން އެދޭ ދުވެލީގައި ދަތުރުކުރުމަށް ނުކުޅެދިފައި: މޯދީ

ސާކުގެ މެމްބަރު ގައުމުތައް ވަނީ ރައްޔިތުން ބޭނުންވާ ހަލުވި ދުއްވެއްޔެއްގައި ކަންކަން ހާސިލުކުރުމަށް ނުކުޅެދިފައިކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
18ވަނަ ސާކު ސަމިޓުގެ ވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުންތައް ވަރުގަދަކުރުމަށް ސާކު ސަރަހައްދުގެ ގައުމުތައް ފިޔަވައި އެހެން ސަރަހައްދީ ޖަމިއްޔާއަކުން މަސައްކަތް ކުރަމުންދާ ތަން ނުފެންނަކަމަށާއި، މި ސަރަހައްދަކީ އެއް ބަޔަކަށް ލިބިފައިވާ ގާބިލުކަމުގެ ބޭނުން އަނެއް ބަޔަކު ހަރުދަނާ ގޮތެއްގައި ހިފަމުންދާ ސަރަހައްދެއްކަމަށެވެ.
ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮތް ގުޅުންތައް އެކި ދާއިރާއިން ބަދަހިކުރަން ޖެހޭކަމަށް އިޝާރާތްކުރައްވާ މޯދީ ވިދާޅުވީ، ސަރަހައްދަށް ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން ކުރިއެރުން ލިބެން އޮތީ މެމްބަރު ގައުމުތަކުން ދޭ އެއްބާރުލުމެއްގެ މައްޗަށާއި ހަރުދަނާ ބަދަހި ގުޅުމެއްގެ މައްޗަށްކަމަށެވެ. އަދި މެމްބަރު ގައުމުތަކުގެ މެދުގައި ފަސޭހަ އަދި ދެމެހެއްޓެނެވި ދަތުރުފަތުރުގެ ނިޒާމެއް ވެސް ޤާއިމް ކުރަން ބޭނުންވާކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ.
މި ސަރަހައްދަކީ އެއްގައުމު އަނެއް ގައުމު މިހާރަށް ވުރެ ބޮޑަށް ގުޅިލާމެހި، އިންފްރާސްޓްރަކްޗާ ތަރައްގީވެ، ވިޔަފާރި ފުޅާވެ، ވިސާ އަށް ލުއިތައް ލިބި އަދި ހުރިހާ ގައުމެއްގެ ފަސޭހައަށް ޓަކައި ޖައްވީ ޓެކްނޮލޮޖީ ބޭނުން ކުރާ ސަރަހައްދަކަށް ހެދުމަށް އިންޑިއާއިން މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދާކަން މޯދީ ހާމަކުރެއްވި އެވެ.
އިންޑިއާ އިން ސާކުގެ ފަސް ގައުމަކަށް ޑިއުޓީ ފްރީކޮށްފައިވާ އިރު ވޭތުވެދިޔަ އަހަރުތަކުގައި ސާކުގެ ގައުމުތަކަށް އަށް ބިލިއަން ޑޮލަރުގެ އެހީ އިންޑިއާ އިން ދީފައިވާކަން މޯދީ ފާހަގަކުރެއްވި އެވެ. އަދި ސާކުގެ ވިޔަފާރި ކުރިއެރުވުމަށް ބިޒިނަސް ޓްރެވަލް ކާޑެއް ތައާރަފްކޮށް، ބޭސްފަރުވާއަށް އަންނަ މީހުންނަށް ފަސޭހަ އިން ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އިންޑިއާ އިން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ