ނޮވެމްބަރު ތިނެއްގައި ޝަހީދުވި މީހުންގެ މަރުގެ ޒިންމާ މައުމޫން އުފުލަން ޖެހޭނެ: ރީކޯ މޫސަ
ނޮވެމްބަރު ތިނެއްގައި ޝަހީދުވި މީހުންގެ މަރުގެ ޒިންމާ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެ އެވެ.އެމްޑީޕީން ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޕާޓީގެ ހަރުގޭގައި ރޭ ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖުލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، ނޮވެމްބަރު ތިންވަނަ ދުވަސް ކުރިމަތިވެގެން އައި އިރު ދިވެހި ސިފައިންނަކީ ވަރަށް ބުރަކޮށް ދައުލަތަށް ވަފާތެރި ކަމާއި އެކު މަސައްކަތް ކުރަމުން ދިޔަ ބައެއް ކަމަށްވީ ނަމަވެސް، އެމީހުން ލައްވައި ކުރައްވަމުން ގެންދިޔަ ހާވެސް ކަމަކީ ވެރިކަން ދެމެހެއްޓުމައް ޓަކައި ސިޔާސީ ގޮތުން އެމަނިކުފާނާއި ފިކުރު ދިމާނުވާ ފަރާތްތައް ކުޑަ ގޮޅިއަށްލައި ތަފާތު ވައްތަރުގެ އަނިޔާތައް ކުރުން ކަމަށެވެ."އެހެންވުމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކޯސްޓްގާޑާއި އެބޭފުޅުން އަދާ ކުރަންޖެހޭ ޒިންމާތަކަށްވުރެ ބޮޑަށް މައުމޫން އަބްދުލްގައްޔޫމް ސިފައިން ލައްވައި ކުރުވަމުން ގެންދިޔަ މަސައްކަތަކީ ރައްޔިތުންނަށް ފާރަލައި ރައްޔިތުންގެ ކަންކަމާ ފާރަވެރިވެ ރައްޔިތުން ހައްޔަރު ކުރުމާއި ރައްޔިތުން އަނދަގޮނޑި ޖެހުމާއި ރައްޔިތުން ކުޑަގޮޅިއަށް ލުމުގެ މަސައްކަތް، މީގެ ނަތީޖާއަކަށްވީ މި ގައުމަށް އުދުވާނީ ހަމަލައެއް ދިނުމަށްޓަކައި މިތަނަށް 80 ވަރަކަށް ކުލީ ސިފައިން މި ރަށަށް އަރައި މި ރަށުގެ އެތައް މީހުންނެއް މަރާ އަޅުގަނޑުމެންގެ އެންމެ ވަރުގަދަ އެއް މަރުކަޒަށް ހަމަލާދިނުމާ ހިސާބަށް ދިޔަ އިރު ވެސް ސިފައިންނަށް ފުރުސަތު ނުލިބުން" މޫސަ ވިދާޅުވި އެވެ.މައުމޫންގެ އަމިއްލަ ސަލާމަތަށް ވުރެ ބޮޑަށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނެވިނަމަ މިދުވަސް ކުރިމަތިވުން އެއީ ދުރު ކަމެއް ކަމަށް ފާހަގަކުރައްވައި މޫސަ ވިދާޅުވީ، ވެރިކަން ވެއްޓިދާނޭ ކަމުގެ ބިރަށް ބަޑިގުދަނުގެ ތަޅުދަނޑި އޭރުގެ ސިފައިންގެ ވެރިޔާގެ ނައިބުގެ ގޮތުގައި ހުންނެވި އިލްޔާސް އިބްރާހިމް އަތަށް ދެއްވާފައި އޮތް އޮތުން ކުށްވެރިކުރައްވާ ކަމަށެވެ."އެބޭފުޅުންނަށް (ސިފައިންނަށް) ވަޒަނެއްހާ ހިސާބު ދީފައި ބާއްވަން މީނައަށް ]މައުމޫނަށް[ ނުކެރިގެން މީނަގެ ޅިޔަނު (އިލްޔާސް އިބްރާހިމް) އަތަށް ބަޑި ގުދަނުގެ ތަޅުދަނޑިދީ ފޮރުވާފައި އޮތްކަން އެއީ ކަނޑައެޅިގެން އެމީހުންގެ (ޝަހީދުންގެ) މަރުގެ ޒިންމާ ކޮންމެވެސް ހިސާބަކުން މައުމޫން ނަގަންޖެހޭނެ މައްސަލައެއްކަން އަޅުގަނޑު ވަރަށް ސާބިތުކަމާއެކީގައި ދަންނަވަން،" މޫސަ ވިދާޅުވި އެވެ.މޫސަ ވިދާޅުވީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ޒިންމާ މި ސަރުކާރުގެ ބޮލުގައި އެޅުވެން ނެތް ކަމަށެވެ. އަދި ކުރީގެ ސަރުކާރުގެ އިހުމާލު މިކަމުގައި ވާކަމަށް ވިދާޅުވެ، ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ."އެކަން ރާވަމުންދިޔަކަން ސިފައިންގެ ތެރެއިން އޭރުގައި އުޅެފައި ތިބި ބައެއް މީހުންގެ ފަރާތުން މައުމޫނަށް ސީދާ އަންގާފައި އެބަހުރި. އެކަމަކަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނެތް، ޝަރީއަތުގެ ކުރިމަތީގައި މިކަމަށް ހެކިބަސް ދޭން ދާންވެސް އަޅުގަނޑުމެނަށް ކެރޭނެ"އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއި ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު ބައިވެރިވި މި ޖަލްސާގައި މޫސަގެ އިތުރުން މަޑަވެލީ ދާއިރާގެ މެންބަރު މުހަންމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތޮފާވެސް ވާހަކަދެއްކެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ