ކާށިދޫ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް އެމްޑީޕީން އިއުލާނުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާ ކެންޑިޑޭޓުން ހޮވުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރެއިން ކެންޑިޑޭޓަކު ކަނޑައެޅިފައި ނުވާ ހަމަ އެކަނި ދާއިރާ ކަމުގައިވާ ކާށިދޫ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ނަންތައް އެމްޑީޕީން އިއުލާނުކޮށްފި އެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީ ކާށިދޫ ދާއިރާއަށް ކުރިމަތިލުމަށް ދެވުނު މުއްދަތު ހަމަވިއިރު އެދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ ޖާބިރު އާއި ގ. ދުވާފަރުގެ އައިޝަތު މަމްދޫހާ ކަމަށެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވޯޓްލުން ކުރިއަށްދާނީ އަންނަ ބުދަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އެރޭގެ 9:00 ޖެހުމާ ހަމައަށް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
ޕްރައިމަރީއަކާ ނުލާ ޖާބިރަށް ކާށިދޫ ދާއިރާގެ ޓިކެޓް ކަށަވަރުވެފައިވަނިކޮށް އެ ދާއިރާގެ ޕްރައިމަރީ އަލުން ހުޅުވާލުމަށް އެމްޑީޕީން ނިންމީ ރައީސް އަބްދުﷲ ޔާމީން އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަކި ގޮތްތަކެއް ނިންމާ ވިޕްލައިން ނެރެފައިވަނިކޮށް ވިޕްލައިނާ ހިލާފަށް ޖާބިރު ވޯޓް ދެއްވުމާއި ގުޅިގެން އޭނާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ. އެމްޑީޕީން ޖާބިރާ ހަވާލުކޮށްފައިވާ ހުރިހާ ޒިންމާއަކުން އޭނާ އެކަހެރިކޮށް ޕާޓީގެ މެންބަރުންގެ ކިބައިން މައާފަށް އެދުމަށް ވެސް އެމްޑީޕީން ވަނީ ޖާބިރަށް އަންގާފަ އެވެ. އަދި ޖާބިރު ވަނީ އެމްޑީޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ