އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލައިފި އެވެ.
އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކޮށް އެފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން އެމްޑީޕީގެ އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީ އެމްޑީޕީން އަލުން ހުޅުވާލާފައި މިވަނީ ޕްރައިމަރީއަކާ ނުލާ އެދާއިރާގެ ޓިކެޓް ކަށަވަރުކުރި ކާށިދޫ ދާއިރާގެ މިހާރުގެވެސް މެންބަރު އަބްދުﷲ ޖާބިރާ ދެކޮޅަށް އެމްޑީޕީން ފިޔަވަޅު އަޅައި، އޭނާއަށް ލިބިފައިވާ ޓިކެޓް އަތުލާފައިވާތީ އެވެ. ޖާބިރާ އަދިވެސް އެމްޑީޕީއަށް ނިސްބަޔްވާ މަޖިލިސް އިތުރު މެންބަރުން ތަކަކާ ދެކޮޅަށް އެމްޑީޕީން ފިޔަވަޅު އެޅީ ރައީސް އަބްދުﷲ ޔާމީން އެކުލަވާލާފައިވާ ކެބިނެޓުގައި ހިމެނޭ ވަޒީރުންނަށް ރުހުންދިނުމާ ގާނޫނުލް އުގޫބާތުގެ ބިލް ފާސްކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރެފައިވާ ވިޕްލައިނާ ހިލާފުވުމުންނެވެ.
އެމްޑީޕީން ބުނީ ޖާބިރާ ދެކޮޅަށް ފިޔަވަޅު އެޅީ ކޮމިޓީއަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށްފަހު ޖަވާބުދާރީ ނުވުމުން ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެމްޑީޕީގެ ފަރާތުން ޖާބިރުއާ ހަވާލުކުރެވިފައިވާ ހުރިހާ ޒިންމާތަކާ މަސްއޫލިއްޔަތުތައް އޭނާގެ އަތުން ވަކިކުރެއްވުމަށާއި އަދި އިންތިހާބު ކުރެވިފައިވާ ޕާޓީގެ ހުރިހާ މަގާމަކުން އޭނާ ވަކިކުރެއްވުމަށާއި އަދި ޕާޓީގެ މެންބަރުންގެ ކިބައިން މައާފަށް އެދުމަށްވެސް އެމްޑީޕީން ވަނީ ޖާބިރަށް އަންގާފަ އެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވަނީ ޖާބިރަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށެވެ.
ޖާބިރާ ދެކޮޅަށް ފިޔަވަޅު އެޅި މައްސަލައިގައި އޭނާ ބައެއް މީޑިއާ ތަކުގައި ބުނެފައިވަނީ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި، އަދި ކާށިދޫ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ