އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ދާއިމަށް ތިބެން ޤާނޫނުއަސާސީ ތަންނުދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ގައުމެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ދާއިމަށް ތިބެން ޤާނޫނުއަސާސީ ތަންނުދޭ ކަމަށާއި އެއީ ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ގައުމަކަށް ވާތީ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ފައިބަން ކަމަށް ވިދާޅުވެ، މެމްބަރު ޝިޔާމްވަނީ އެއްވެސް ގައުމެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބެން ރައްޔިތުން ނޭދޭކަން ފާހަގަކުރައްވާފައެވެ.
މެމްބަރު ޝިޔާމް މިމޭރުމުން ޓްވީޓްކުރެއްވިއިރު އެއްވެސް ކަމަކާނުލައި ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބަޔަކު ތިބިކަންވަނީ ހާމަވެފައެވެ.
މިކަން ހާމަވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދިވެހި ސަރުކާރުން ކުރާ ހަރަދުގެ ތަފްސީލުތައް ހާމަކޮށްފި ނަމަ ދެ ގައުމުގެ ގުޅުމަށް ނުރަނގަޅު އަސަރުކޮށް، ރާއްޖެއަށް ކާޑު ލިބުމުގެ ދަތިކަން ވެސް ކުރިމަތިވެދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް އިން) ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާތީއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން އެދުނީ ނޫސްވެރިޔެކެވެ. އެކަމަކު، އެ މައުލޫމާތަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ކަމަށް ބުނެ، މައުލޫމާތު ހާމަ ނުކުރެވޭނެ އިސްތިސްނާ ހާލަތްތަކެއް ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވާތީ އައިކޮމްއިން ވަނީ އެކަން ހާމަނުކުރަން ނިންމައިފައެވެ. އައިކޮމްގެ ނިންމުން އެ ނޫސްވެރިޔާ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ ތެރެއަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން އޭޖީ އޮފީސް ވެސް ވަނީ ތަދައްހުލްވެފައެވެ.
އެ މައްސަލައިގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި އޮތީ އިސްތިއުނާފީ ނުކުތާތަކަށް އައިކޮމް އާއި ދައުލަތަށް ޖަވާބު ދިނުމާއި އެ ވާހަކަތަކަށް ރައްދު ދިނުމެވެ.
އެ އަޑުއެހުމުގައި އައިކޮމްއިން ހައިކޯޓުގައި ބުނެފައިވަނީ، ހޯދަން އެދިފައިވާ މައުލޫމާތަކީ ކޮންޓްރެކްޓެއްގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ކަމަށާއި އޭގައި ސިއްރު ހިފަހައްޓަން ޝަރުތުކޮށްފައިވާ ކަމަށް ސިފައިންގެ ލަފާ ދޭ މަޖިލީހުން ބުނެފައިވާ ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތަކަށް ވާތީ ހާމަނުކުރަން އެދިފައިވާ ކަމަށެވެ.
އޭގެ އިތުރުން، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ޤާނޫނުއަސާސީގައި މާނަކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެކަމުގެ ބިރު އޮތްކަމަށް ވާނަމަ، އެފަދަ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބިގެންވާ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގައި އޮންނަކަން ވެސް އައިކޮމްއިން ފާހަގަކުރިއެވެ.
ރާއްޖެއަކީ ކުޑަކުޑަ، އަސާސީ ކަންކަމަށް އެހެން ގައުމުތަކަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، އިންޑިއާ ފަދަ އަވަށްޓެރި ގައުމަކުން ރާއްޖެއާ ގާއިމްކޮށްފައިވާ ގުޅުމަށް ބުރޫއަރައިފިނަމަ މިހާރު ވެސް އިންޑިއާއާއެކު ހެދިފައިވާ ޑިފެންސް ކޯޕަރޭޝަންގެ ދަށުން ލިބެމުންދާ އެހީތައް ހުއްޓުމުގެ އިހްތިމާލު ވަރަށް ބޮޑު ކަމަށް އައިކޮމްއިން ބުންޏެވެ.
އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ދާއިމަށް ތިބެން ޤާނޫނުއަސާސީ ތަންނުދޭ: މެމްބަރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ