ފުރާނަޔަށް ނުރައްކާވާ ވަރުގެ ބައްޔެއް ނަޝީދުގެ ނެތް: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައަށް ނުރައްކާވާ ވަރުގެ ބައްޔެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ މައި ބަދަޔަށް ލިބިފައި ހުރި ގެއްލުންތަކެއްގެ ސަބަބުން އަވަސް ފަރުވާއެއް ނުދެވިއްޖެ ނަމަ ނަޝީދު މަރުވެދާނެ ކަމަށް ބުނެ އެމަނިކުފާނުގެ ބޭރުގެ ލޯޔަރުން މީޑިއާތަކުުގައި އާންމު ކުރެއްވި ލިޔުމަކާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއް މެދުވެރި ކުރައްވައި އުމަރު ވިދާޅުވީ ނަޝީދުގެ ބައްޔާ ގުޅިގެން އެމަނިކުފާނު އެދިވަޑައިގަންނަވާ ކޮންމެ ދުވަހަކު ލަސްނުކޮސް ޑޮކްޓަރަށް ދައްކައި އެކަމަކަށް އެކަށީގެންވާ ފަރުވާ ދެމުން އަންނަ ކަމަށެވެ.
"ނަޝީދުގެ އާލާސްކަންފުޅަކީ ފުރާނައަށް ނުރައްކާ ވާވަރުގެ ބައްޔެއް ކަމަށް މިހާތަނަށް ނަޝީދު ބެއްލެވި އެއްވެސް ޑޮކްޓަރަކު ވިދާޅުވެފައެއް ނުވެ އެވެ،" އުމަރު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ވަކީލުން ބޭރުގެ މީޑިއާތަކުގައި އާންމު ކުރި ލިޔުމެއްގައި ބުނެފައި ވަނީ ނަޝީދުގެ އާލާސްކަންފުޅުގެ ސަބަބުން އެމަނިކުފާނުގެ އެއް ފަޅި އައްސިވުމުގެ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. ނަމަވެސް ސަރުކާރުން އެމަނިކުފާނަށް އެކަށީގެންވާ ފަރުވާއެއް ނުދީ ބަހައްޓަނީ، ނަޝީދުގެ ދުނިޔެއިން ދުއްވާލުމުގެ ބޭނުމުގައި ކަމަށް ވެސް އެ ލިޔުމުގައި ތުހުމަތު ކުރެ އެވެ.
އުމަރު ވިދާޅުވީ އެއްވެސް ގައިދީ އަކު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފުރުވާ ލެވޭނީ، ހޯދަަން ޖެހޭ އެއްވެސް ފަރުވާއެއް އަދި ހަދަން ޖެހޭ ޓެސްޓެއް ރާއްޖެއިން ހެދެން ނެތިއްޖެ ހާލަތެއްގައި ކަމަށެވެ. އުމަރު ވިދާޅުވީ ނަޝީދުގެ އާލާސްކަންފުޅާ ގުޅިގެން ތަފާތު ދެ ޑޮކްޓަރަކަށް އެމަނިކުފާނު ދައްކާފައިވާ ކަމަށެވެ. އެ ޑޮކްޓަރުންގެ ލަފަޔާ ހަވާލާދެއްވާ އުމަރު ވިދާޅުވީ ނަޝީދު ހޯއްދަވަން ޖެހޭ ފަރުވާ ރާއްޖޭގެ ހޮސްޕިޓަލްތަކުން ލިބެން ހުރި ކަމަށް ލަފާތައް ލިބިފައި ހުރި ކަމަށެވެ.
"ނަޝީދު ފަރުވާއަށް ބޭރަށް ދާން ޖެހޭ ފަދަ ހާލަތެއް ނެތެވެ،" އުމަރު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ވަކީލުން ވިދާޅުވަނީ އެމަނިކުފާނު ކުރަން ޖެހެނީ މައިބަދައިގެ އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަން ރާއްޖޭގައި ކުރެވެން ނެތް ކަމަށެވެ. އަދި ނަޝީދަށް ކުރިމަތިވެފައިވާ އާލާސްކަންފުޅަކީ، މީގެ ކުރިން އެމަނިކުފާނަށް ޖަލުގައި ކުރި އަނިޔާތަކެއްގެ ސަބަބުން މައިބަދައަށް ގެއްލުންވެ، އެތަނާ ގުޅިފައިވާ ނާރެއް ފިތުން ކަމަށެވެ. އެހެންވެ އެ އޮޕަރޭޝަނަށް ރާއްޖެއިން ބޭރަށް ދިޔުމަށް ނަޝީދުގެ އާއިލާއިން އެދިފައިވެ އެވެ. 
ފޮރިން މިނިސްޓްރި އިން ވަނީ ނަޝީދު އަމިއްލަފުޅަށް މައްސަލަ އިސްތިއުނާފު ކުރަން ނިންމަވާފައވާތީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ