މިދިޔަ އަހަރުގެ ބަޖެޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ވަރަށްވުރެ އިތުރަށް ވަނީ ދީފަ: އޮޑިޓު

2023 ވަނަ އަހަރުގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުން އެކި ފަރާތްތަކަށް ދިނުމަށް ކަނޑައެޅިފައިވާ ވަރަށްވުރެ 263 އިންސައްތަ އިތުރަށް އެ އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ހަރަދުކުރިކަމަށް އޮޑިޓަރ ޖެނަރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ 2023 ވަނަ އަހަރުގެ ބަޖެޓު ރިވިއު ރިޕޯޓުގައި އެ މުއައްސަސާއިންވަނީ ގެއްލުމުގެ ގޮތުގައި އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ މަސައްކަތްތައް ކުރެވެމުން އައިސްފައިވާ ގޮތަށް އަލިއަޅުވާފައެވެ. ރިޕޯޓުގައިވާގޮތުން މިއީ އަމިއްލަ ފަރާތްތަކަށް ދައްކާ ފައިސާއެވެ. އަދި ލޮސަސް އެންޑް ރައިޓް އޯފްސްގެ ތެރޭގައި ކޯޓުން ނިންމާ ނިންމުންތަކާއި ގުޅިގެން ދޭންޖެހޭ ފައިސާގެ އިތުރުން އާރބިޓްރޭޝަން ދަައްކަން އަންގާ ފައިސާ އާއި އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާވެސް ހިމެނޭކަމަށެވެ. އަދި މިގޮތުގެ މަތިން 2023 ވަނަ އަހަރަށް ގެއްލުމުގެ ގޮތުގައި ހަރަދުކުރުމަށް ކަނޑައެޅިފައިވަނީ 101 މިލިއަން ރުފިޔާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް ފުރަތަމަ ނުވަ މަހުގެ ތެރޭގައި ގެއްލުމުގެ ގޮތުގައި ކުރަމުންދިޔަ ހަރަދުތައް 367.27 މިލިއަނަށް އެރިކަމަށާއި އެއީ ބަޖެޓު ކުރެވިފައިވާ އަދަދަށްވުރެ 263 އިންސައްތަ އިތުރު އަދަދެއްކަމަށް ބުނެފައިވެއެވެ. އަދި އިސްލާހު ކުރުމަށް ފަހު 436 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބަޖުޓުގައި ހިމަނާފައިވާކަމަށާއި އެއީ ފާސްކޮށްފައިވާ ވަރަށްވުރެ 331 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް ބުނެފައިވާއިރު 2022 ވަނަ އަހަރުގެ ސަރުކާރުގެ މާލީ ބަޔާނަށް ބަލާއިރު ކޯޓުގައި ހިނގަމުންދާ މައްސަލަތަކާއި ގުޅިގެން އެކި ފަރާތްތަކަށް 3.83 ބިލިއަން ރުފިޔާ ދައްކަންޖެހިފައިވާކަން ފެނިގެންދާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ގްރާންޓުތައް ނުހިމަނާ، 2020 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ރިކަރެންޓް ހަރަދުތައް ހުރީ ލިބޭ އާމްދަނީއަށްވުރެ އިތުރުކޮށްކަމަށް އޮޑިޓުން ބުނެފައިވާއިރު 2023 ވަނަ އަހަރުގެ ހިސާބުތަކުގައި ކުރިއެރުމެއް ފެނިގެންދާނަމަވެސް ބަޖެޓަށް ގެނައި އިސްލާހުތަކާއިއެކު އެއް ކުރިއެރުން ލިބިގެން ނުދިއުމާއި އެއްފަދަ ވެގެންދާކަމަށް ބުނެފައިވެއެވެ. އަދި ސަރުކާރުގެ އާމްދަނީއަށްވުރެ ހަރަދު އިތުރުވެފައިވުމުގެ މައްސަލަ ހައްލުނުވަނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކާމިޔާބުވެފައިނުވާތީކަމަށާއި އެހެންކަމުން 2023 ވަނަ އަހަރުގެ ބަޖެޓު ރާއްޖޭގެ މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓަޖީއާއި ދިމާނުވާކަމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ