ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުން ދިރިއުޅޭ ތިން ކުއްޖަކު ރަށުގެ މީހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ބަލަނީ

ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ މަރުކަޒުގައި ދިރިއުޅޭ ކުދިންތަކެއް އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މުއައްސަސާއިން ބަލަމުން ދަނީ ހޯރަފުށި ކުޑަކުދިންގެ މަރުކަޒުން ތިން ކުއްޖަކު އެ ރަށު ތެރެއަށް ރޭގެ ވަގުތެއްގައި ނުކުމެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ކަމަށެވެ.
"ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން ޖުލައި 14. 2026 ވަނަ ދުވަހުގެރޭ ހިނގި ކަމަށް ރިޕޯޓުކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކަމަށެވެ.
ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ މަރުކަޒުން ކުދިންތަކެއް ނުކުމެ އެ ރަށު ގޮނޑޮދޮށުގައި ހުރި މީހަކު ރަހީނުކޮށް އޭނާއަށް ހަމަލާދީ އަނިޔާކޮށްފައިވާ ކަމަށް ސޯޝަލްމީޑިއާގައި ރޭ އަޑުތައް ފެތުރުނެވެ. އެކަމާ ގުޅިގެން އެ ރަށުގެ މަސްލަހަތު ހޫނުވެ، ރަށު ރައްޔިތުން އެ ސެންޓަރު ދޮށަށް އެއްވެ ނުރުހުން ފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ