ސްކޫލުގެ ކިޔެވުން ނިންމުމަށް ފަހު ގޭގައި ޓިއުޝަން ނެގުމުގެ ސަގާފަތެއް އުފެދިއްޖެ ކަމަށާއި އެ ވިސްނުން މިހާރު ބަދަލު ކުރަން ޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭލެވެލް އިމްތިހާނުން އެންމެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ތައުލީމީ ދާއިރާގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ. އޭގެތެރެއިން ވެސް، 'މިނިސްޓަރަކު މިހާތަނަށް ނުދައްކާ ލެވެލްއެއްގައި ދައްކާ ވާހަކައެއް' ކަމަށް ފާހަގަ ކުރައްވާ ވިދާޅުވީ، ޓިއުޝަން ނެގުމުގެ އާދަ އާއި އެއިން ދަރިވަރުންނަށް ކުރަމުންދާ އަސަރުގެ ވާހަކަ އެވެ.
ޝަފީއު ވިދާޅުވީ ދަރިވަރުން ސްކޫލުން އެނބުރި ގެއަށް ދަނީ ކިޔެވުމުގައި ހަ ގަޑިއިރު ހޭދަކޮށްފައި ކަމަށެވެ. އެކަމަކު ގެއަށް ގޮސް ވެސް، އަނެއްކާ ވެސް ހަތަރު ގަޑިއިރު ނުވަތަ ހަ ގަޑިއިރު ޓިއުޝަން ނެގުމުގައި ހޭދަ ކުރާ ކަމަށާއި މިއީ ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ފާހަގަކޮށްލަން، ދަރިވަރުންނަށް ސްކޫލުން ބޭރުން ވެސް އެހީތެރިކަން ބޭނުންވާނެ. އެކަމަކު އެ އެހީތެރިކަން ދޭން ވާނީ ސްކޫލުގައި އުނގެނޭ ފިލާވަޅުތަކުގައި ކުދިންގެ ބައިވެރިވުން ނުގެއްލޭނެ ފަދަ ގޮތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
ސްކޫލުގައި ފިލާވަޅު ނަގައިދޭއިރު އެއަށް ސަމާލުކަންދޭން ދަރިވަރުންނަށް ވިސްނައިދޭން ޖެހޭ
އެހާ ގިނަ ވަގުތުތަކެއް ގޭތެރޭގައި ކިޔެވުމަށް ހޭދަކުރާނަމަ، އޭގެ އަސަރު ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާނެ
"ދަރިވަރުން އެބަ ޖެހޭ ހުސްވަގުތުގައި ހިތް އުފާވާ ކަންކަން ކުރަން. އަމިއްލައަށް ވަގުތު މެނޭޖްކުރުމުގެ ގާބިލްކަން ދަރިވަރުންނަށް ފޯރުކޮށްދޭން،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމިއްލައަށް އިސްނަގައިގެން، ހޯދާ ބަލާ ދަރިވަރުންގެ ސިކުނޑީގައި ފިލާވަޅު ހަރުލުމުގެ އިންސައްތަ %75އަށް އަރަ އެވެ. އެކަމަކު މުޅިން އެހެން މީހުންނަށް ބަރޯސާ ވެގެން، ނުވަތަ 'ސްޕޫންފީޑް' ކުރާނަމަ ކުދިންގެ ހިތުގައި އަދި ސިކުނޑީގައި އެ މާއްދާއަކާ ގުޅޭ އިލްމު ހަރުލާފައި ހުންނާނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ވިދާޅުވި އެވެ.
އެހެންވެ މިއީ، ބެލެނިވެރިންނާއި ދަރިވަރުން ވެސް ވަރަށް ބޮޑަށް ހޭލުންތެރިވެ، ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކްލާހުގެ ތެރޭގައި ދެވޭ ފިލާވަޅުގެ ޒަރީއާއިން، ދަރިވަރުން ބޭނުންވާ މިންވަރަށް އުނގަންނައިދެވޭތޯ ބެލުމަށް ޓީޗަރުންނަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ. އެހެން ނުވާނަމަ، އުނގަންނައިދިނުން ބަލިކަށިވެ، ޓިއުޝަން ނެގުމުގެ ސަގާފަތް މިހާރަށްވުރެ ވަރުގަދަވާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
ޓިއުޝަނުގެ ސަގާފަތެއް އުފެދިއްޖެ، ވިސްނުން ބަދަލުކުރަން އެބަޖެހޭ: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ