މޯލްޑިވްސް 2.0 އަކީ ހިންގުމުގެ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއް: ރައީސް

މޯލްޑިވްސް 2.0 އަކީ ހިންގުމުގެ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތައް އެއްސެވުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރަމުން ސަރުކާރުން ދަނީ ޑިފޯލްޓް ނުވެ، ފައިސާ ޗާޕުނުކޮށް، ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނިތައް އަދާކުރަމުންކަން ކަމަށެވެ.
މޯލްޑިވްސް 2.0 އަކީ ތަރައްގީގެ ޕްލޭންގައި ވަރަށް މާނަފުން، ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް ހިންގުމުގެ ނިޒާމަށް ގެނުވާނެކަމެއްކަމުގައިވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި މިކަންކަމާއި އެކުއެކީގައި ތަރައްގީގެ މަސައްކަތްތައް ތާވަލުކުރެވި ކުރީގެ އެއްވެސް ސަރުކާރަކުން ހައުސިން މަޝްރޫއުތައް ނުފަށާހާ އަވަހަށް އެ މަސައްކަތްތައް ފަށާފައިވާކަމަށާއި، ރާއްޖޭގެ އެކި ރަށްރަށުގައި އެކިއެކި މަޝްރޫއުތައް ހިންގުމަށް ސޮއިކުރެވިފައިވާކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ހުޅުމާލޭގެ ފޭސް 1 ގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ، ރައްޔިތުން ހިއްސާކުރެއްވި އެންމެހާ ކަންބޮޑުވުންތަކާއި ހިޔާލުތަކަކީ ސަރުކާރުން އީޖާބީގޮތެއްގައި ބަލައިގަންނާނެ ކަންކަން ކަމުގައި ފާހަގަކުރައްވާފައެވެ.
ވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ހިދުމަތް ފޯރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ހިދުމަތްތައް ހަލުވި ކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިގްތިސޯދު ކުރިއެރުވުމަށްޓަކައި ހިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.
ޑިޖިޓަލް ވަސީލަތްތަކުން ރާއްޖެއަށް ގެންނަން އުޅޭ ބަދަލު ބައްޓަންކޮށް، ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަންފާ އާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރެވޭނެ ގޮތަކަށެވެ. އަދި ދިވެހިރާއްޖެ 2.0 އާ އެކު ރާއްޖޭގައި ހިންގާ ކޮރަޕްޝަންތައް ވެސް މަދު ކުރެވޭނެ ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ