ހުލާސާކޮށް އިއްޔެ: މީޑިއާ ބިލާ ހުރިހާ ނޫސްވެރިން ވެސް ދެކޮޅު ހުލާސާކޮށް އިއްޔެ: މީޑިއާ ބިލާ ހުރިހާ ނޫސްވެރިން ވެސް ދެކޮޅު

މިނިވަން ނޫސްވެރިކަން ނައްތައިލުމަށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަކީ އިސްލާހު ކުރެވޭ ވަރަށް ވުރެ ގޯސްކޮށް އޮތް ބިލެއް ކަމަށް އެ ބިލަށް ހިޔާލު ހޯދުމަށް އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވި ހުރިހާ ނޫސްވެރިން ބުންޏެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވި އެއްވެސް ނޫސްވެރިއަކު މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއީދުކޮށް ވާހަކައެއް ނުދައްކަ އެވެ. ހުރިހާ ނޫސްވެރިން ވެސް ފާހަގަކުރީ އެ ބިލުގައި ހުރި ކަންބޮޑުވުންތަކެވެ.
ކޮމިޓީގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އަދަދު ނޫހުގެ އެޑިޓަރު، ހަސަން މުހައްމަދު ވިދާޅުވީ މީޑިއާ ކޮންޓްރޯލް ބިލު ފަރުމާ ކޮށްފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ނެތިގެން ދާނެ ގޮތަށް ކަމަށެވެ. އަދި އެ ބިލު ޑްރާފްޓުގައި ކޮށްފައި ހުރީ ނޫސްވެެރިން ކުށްވެރިވާނެ ފަދަ މާއްދާތަކެއް ހިމަނައިގެން ކަމަށް ހަސަން ވިދާޅުވި އެވެ. އަދަދު ނޫހުގެ ފަރާތުން ހަސަން ގޮވައިލެއްވީ މިނިވަން މީޑިއާ ނައްތައިލާ ބިލު ބޭރު ކޮށްލުމަށެވެ.
މިހާރު ހުށަހަޅާފައިވާ ބިލުގައި ތެދާއި ދޮގުގެ ވާހަކަ ބަޔާން ކޮށްފައި އޮތް ގޮތާ މެދު ވެސް ހަސަން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެގޮތުން ކަމެއްގެ ދޮގުތެދު ކަނޑައަޅާނީ ކޮންތަނަކުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ހަސަން ވިދާޅުވީ ކަނޑައެޅިގެން ދޮގެއް ނުވަތަ ދޮގަކަށް ވެދާނެ ހަބަރު ޝާއިއު ކުރުން އެ ބިލުގެ ދަށުން މަނާ ކޮށްފައި އޮތުމުން ވަރަށް ބޮޑަށް ނޫސްވެރިކަމުގެ ހައްގު ހަނިވާ ކަމަށެވެ. އެގޮތުން މީހަކު ދައްކާ ވާހަކައެއް ރިޕޯޓު ކުރިފަހުން އެއީ ދޮގެއްކަން ހާމަވާ ހާލަތްތަކުގައި ކުށްވެރިވާން ޖެހޭނީ ނޫސްވެރިޔާ ނޫން ކަމަށެވެ.
"މިސާލަކަށް އަދަދުގައި ވެސް އަދި އަޅުގަނޑަށް އެނގިގެން ބައެއް އެހެން ނޫސްތަކުގައި ވެސް ފެކްޓު ޗެކު ހަދަންޖެހޭ ވަރަށް ގިނައިން ރައީސް މުއިއްޒުގެ ވާހަކަތައް، ހަމަ ދޮގު ހައްދަވާތީވެ، އެހެންވީމާ އަޅުގަނޑުމެން ފެކްޓު ޗެކް މި ހަދަނީ އެ ހަބަރު ގެނެސްދީފައި އެ މައުލޫމާތު ގެނެސްދީފައި، އެހެންވީމާ ފުރަތަމަ އެ ކުރާ ކަންތައް އެއީ މި ގާނޫނުގެ ދަށުން ކުށަކަށް ވެއްޖެއްޔާމުން އެއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަނީ،" ހަސަން ވިދާޅުވި އެވެ.
ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު، އަހުމަޒު ޒާހިރު (ހިރިގާ) ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ނޫސްވެެރިންގެ ރައްކާތެރިކަމަށް އެއްވެސް މާއްދާއެއް ހިމަނާފައި ނުވާ ކަމަށެވެ. އަދި މުޅި ބިލު ފަރުމާ ކޮށްފައި އޮތީ އިސްލާހު ކުރެވޭ ވަރަށް ވުރެ ގޯސްކޮށް ކަމަށް ހިރިގާ ޒާހިރު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ މި ބިލަކީ މަޖިލީހަށް ބަލައިގަނެގެން އިސްލާހު ކުރެވޭ ވަރަށްވުރެ ގޯސް ހާލަތުގައި އޮތް ބިލެކޭ، އެހެންވީމާ މި ބިލު ހަމަ ފުރަތަމަ ކަމަކަށް ބޭރުކޮށްލަދެއްވާށޭ،" ހިރިގާ ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ފަރާތަކަށް ނުޖެހި ހިޔާލުފާޅު ކުރަންޖެހޭނެ ކަމަށް ބިލުގައި ލިޔެފައި އޮތުމާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ޕްރިންޓް އަދި އޮންލައިން މީޑިއާތައް އެއް ކޮމިޝަނަކުން ރެގިއުލޭޓު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"ރާއްޖޭގެ މިނިވަންކަން ހޯދުމަކަށް ނޫނޭ ރާއްޖޭގައި އެންމެ ބޮޑު ހަނގުރާމައެއް ކުރީ، ރާއްޖޭގައި އެންމެ ބޮޑު ހަނގުރާމައެއް ކުރީ ކޮމާކޯޅިއެއްގައި ދަންނަވާ ކަމަށްވަންޏާ މިނިވަން ނޫސްވެރިކަން ހޯދުމަށޭ އަދި އެންމެ ގިނަ ބަޔަކު ޖަލު ތެރޭގަ އާއި ކުޑަގޮޅި ތެރޭގައި އަނިޔާ ލިބި މަރުވެ އެތައް ކަމެއް ހިނގައި ގޮސްފައި ވަނީ ވެސް މި މިނިވަންކަން ހޯދާށޭ،" ނޫސްވެރިކަމުގައި 35 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ހިރިގާ ޒާހިރު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް 2008 ގައި ބަލައިގެންފައި މި އޮތް ގާނޫނުއަސާސީގެ ތެރެއިން ހުޅުވުނު ދޮރު ބަންދު ކުރައްވަން އުޅޭ އުޅުމަކީ ވަރަށް ހަނި ވިސްނުމެކޭ އަޅުގަނޑު ދަންނަވާނީ."
ނޫސްވެރިކަމުގައި 20 އަށްވުރެ ގިނަ އަހަރު މަސައްކަތް ކުރައްވާފައިވާ އަލީ ސުލައިމާން ވެސް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އިސްލާހު ކުރެވޭ ވަރަށްވުރެ ގޯސްކޮށް އޮތް ބިލެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލު ޑްރާފްޓު ކުރީ އެއްވެސް ނޫހެއްގެ ނުވަތަ ނޫސްވެރިއެއްގެ މަޝްވަރާއެއް ނުހޯދާ ކަމަށް ވާތީ އެ ބިލަކީ އުފެދުމުގައި ވެސް ބާތިލު ބިލެއް ކަމަށެވެ.
"މި ބިލަކީ މިއީ އިސްލާހު ކޮށްގެން ވެސް ރަނގަޅު ކުރެވެން އޮތް ބިލެއް ނޫނޭ، އެއަށްވުރެ މީގެ މާ ފޭރާން ދެރަޔޭ، އެންމެ އަސާސީ ކަމަކީ އެ ދާއިރާއަކުން އެއްޗެއް ލިޔާ ކަމަށްވެއްޖެއްޔާ އެ ދާއިރާއެއްގެ ޓެކްނިކަލް މީހުންނާއި އެ ދާއިރާއެއްގައި އުޅޭ މީހުންނާއި [މަޝްވަރާ ކޮށްގެން] ލިޔުން،" ސުލައިމާން ވިދާޅުވި އެވެ.
ސުލައިމާން ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުން ހާސިލު ކުރަން ބޭނުންވާ މަގުސަދު ސާފު ނުވާ ކަމަށެވެ. އެ ބިލުގެ ދިފާއުގައި ވެސް މަޖިލިސް މެންބަރުންނަށް އަބުރުގެ ވާހަކަ ނޫން އެހެން އެއްވެސް ވާހަކައެއް ދައްކަވަން އެނގިވަޑައިނުގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޓީގައި ބައިވެރިވި އެހެން ހުރިހާ މީޑިއާތަކުން ވެސް ވަނީ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް އެ ބިލު ބޭރުކުރަން ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ