މި ފެށުނީ ފުވައްމުލަކު ސިޓީގެ ތަރައްޤީގެ ވަރަށް މުހިންމު ބާބެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވަނީ 11 މަޝްރޫޢުއެއްގައި ސޮއިކޮށްފަ އެވެ. މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ފުވަމުއްލަކުގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ 5 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުނުކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ، ކާމިޔާބުކަމާއެކު މި މަޝްރޫޢުތައް ފުރިހަމަކޮށް، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
ފުވައްމުލަކަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ކުނީގެ މައްސަލައެވެ. ފުވައްމުލަކު ސިޓީއާއެކު، ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅުގައި ގިނަ ދުވަސްތަކެއްވަންދެން ޖަމާވަމުންދިޔަ ކުނިތައް ނައްތާލުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަޙައްދުން ރަށެއް، ވެމްކޯއަށް ހަމަޖައްސަވައިދެއްވާފައި ވާއިރު، އިއްޔެ ފެށީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢެއް ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކު ސިޓީގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ވާހަކަފުޅުގައި ދެން އަލިއަޅުވާލެއްވީ، ޓަރޝަރީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ދާއިރާއަށެވެ. ފުވައްމުލަކު ސިޓީގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަޢޫދީ ފަންޑުން ހަމަޖެހިފައިވާކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ، އެންމެ ލަސްވެގެން އަންނަ އަހަރުގެ މެއި-ޖޫން މަހާ ހިސާބުގައި ޢަމަލީ މަސައްކަތް ފެށުމާ ހިސާބަށް ދެވޭނެކަމުގައި ވިދާޅުވެފަ އެވެ.
ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށް ވާ އިރު، ކުރިން ބަޔަކާ ހަވާލުކުރެވި، ފުވައްމުލަކު ސިޓީގައި ކުރިއަށް ނުގޮސް އޮތް 400 ހައުސިންގް ޔުނިޓްގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާ، މަސައްކަތް ފަށައިގަނެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީގައި 500 ހައުސިންގް ޔުނިޓް ތަރައްޤީކޮށްދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ތެރެއިން، 75 ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ. ވަޢުދުފުޅުގެ ތެރެއިން ބާކީ ހުރި ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ފައްޓަވާ، ކުރިން ހަވާލުކުރެވިފައިވާ 400 ހައުސިންގް ޔުނިޓްގެ މަސައްކަތާއެކު މި ދައުރުގެ ތެރޭގައި ޖުމުލަ 900 ހައުސިންގް ޔުނިޓްގެ މަސައްކަތް ނިންމަވައި ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ފުވައްމުލަކު ސިޓީގެ ބަނދަރުގެ މައްސަލައަށްވެސް ފުރިހަމަ ޙައްލެއް ހޯއްދަވައި ދެއްވާނެކަމަށާ، ބަޖެޓުގެ މައްސަލައެއް އެކަމުގައިވެސް ނެތްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސިޓީގެ ރައްޔިތުންނަށް ދެއްވާފައެވެ.
ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށްވެސް ދާދި އަވަހަށް ހައްލު ލިބޭނެކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ފެނަކައިން ކުރައްވަމުން ގެންދަވާ ކަމަށާ، އަލަށް ގެނެވޭ ޖަނެރޭޓަރާއެކު ރަމަޟާން މަހުގެ ކުރިއަށް، ކަރަންޓުގެ މައްސަލައަށް ޙައްލު ލިބޭނެކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފައެވެ.
މި ފެށުނީ ފުވައްމުލަކުގެ ތަރައްޤީގެ މުހިއްމު ބާބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ