ފުވައްމުލަކުން ކަރަންޓު ކެނޑޭ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: ރައީސް

ފުވައްމުލަކުން ކަރަންޓު ކެނޑޭ މައްސަލަ ވަރަށް އަވަަހަށް ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ރޭ އަރުވައިފި އެވެ.
ވީ ކިހިނެއް؟ - ފުވައްމުލަކަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާ ހަތް ޖަނެރޭޓަރު ސެޓުގެ ތެރެއިން އެއް ސެޓު ހަލާކުވެ، ކަރަންޓު އުފެއްދޭ މިންވަރު ވަނީ ދަށްވެފަ އެވެ. 
ހޫނު ދުވަސްވަރުތަކުގައި ކަރަންޓު ލޯޑު މަތިވެ، މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެކި ފަހަރުމަތިން ރަށުން ކަރަންޓު ކަނޑަން ޖެހޭ ކަމަށް ފެނަކައިން މީގެ ކުރިން ބުނެފައިވެ އެވެ.
ބުނީ ކީކޭ؟ - ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ރައީސް ވިދާޅުވީ، ކަރަންޓު މައްސަލައަކީ ފުވައްމުލަކުގައި ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރެއްވޭ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ފެނަކައިން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 
އެގޮތުން، ރައީސް ވިދާޅުވީ:
1.2 މެގަވޯޓުގެ އިތުރު ޖެންސެޓަކަށް މިހާރު އޯޑަރު ޖަހާފައިވާނެ
އެ ޖެނަރޭޓަރު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމުގެ ޔަގީންކަން ފެނަކައިން މިއަދު ވެސް ދީފައިވޭ؛ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ހަމަ ޔަގީނުން ވެސް ލިބޭނެ
އޭރުން މި އިތުރު ކެޕޭސިޓީ ގާއިމުވެގެން ދިއުމުން، މިހާރު މި ދިމާވަމުންދާ ކަރަންޓުގެ މައްސަަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ
މީގެ އިތުރުން، ކަރަންޓުގެ މައްސަލަ ހައްލުކުރަން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވެސް ވަރަށް މުހިންމު އިންވެސްޓްމަންޓެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ގާތްގަނޑަކަށް 28 ރަށުގައި ހުރިހާ ގޭބިސީއަށް ބޭނުންވާ ވަރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ:
މިހާރުގެ ރޭޓުތަކަށް ވުރެ ކުޑަކޮށް، އެއްވެސް ސަބްސިޑީއެއް ދޭން ނުޖެހޭ މިންގަނޑުގައި އަވިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއްގައި ސޮއިކުރުމުގެ މަަސައްކަތް ކުރިއަށް އެބަދޭ
އެކަމާ ގުޅޭ އެމްއޯޔޫއެއްގައި އެންމެ ފަހުން ޗައިނާއަށް ކުރި ދަތުރުގައި ސޮއިކޮށްފައިވާނެ
އެ މަޝްރޫއުގެ ދަށުން، ފުވައްމުލަކުގައި ވެސް މުޅި ރަށަށް ބޭނުންވާ ވަރަށް އިއާދަކުރަނިވި ހަކަތަ އުފެއްދޭ ވަރަށް ތަރައްގީކުރެވޭނެ 
އިތުރު ޖެނަރޭޓަރުތަކަކާ އެކު ޕަވާ ކެޕޭސިޓީ ހަމަޖެހިގެން އަންނައިރު، އަވިން އުފައްދާ ހަކަތަ ވެސް ހަމަޖައްސާނަން 
އޭރުން މުޅި ރަށަށް ބޭނުންވާ ކަރަންޓު އުފައްދަމުން އަންނާނީ އިއާދަކުރަނިވި ހަކަތައިން
ޖަނަރޭޓަރުތައް ބޭނުންކުރާނީ އޭގެ ބޭރުން ކަރަންޓު ނަގަން ބޭނުންވާ ހާލަތްތަކުގައި
އަމާޒަކީ މި ފަސް އަހަރު ނިމެންވާއިރަށް ކަރަންޓުގެ މަދުވެގެން %33އަކީ އިއާދަކުރަނިވި ހަކަތައިން ދެވޭ ހިދުމަތަކަށް ހެދުން 
"އެ މަޝްރޫއު ދާދި އަވަހަށް މި ސިޓީގައި ވެސް ފެށިގެންދާނެ. އެހެންވީމާ ޕަވާ އިޝޫއަކީ، މާ ގިނަ ދުވަހެއް ނުވެ ހައްލުވާނެ ކަމެއް ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ