އިންފްލޭޝަނަށް ސަރުކާރުން ތައްޔާރުނުވާ ނަމަ މުސާރަ ބޮޑުކުރުމުގެ ބޭނުމެއް ނޯންނާނެ: އަޒާން އިންފްލޭޝަނަށް ސަރުކާރުން ތައްޔާރުނުވާ ނަމަ މުސާރަ ބޮޑުކުރުމުގެ ބޭނުމެއް ނޯންނާނެ: އަޒާން

އުފުލޭ އިންފްލޭޝަން އަށް ސަރުކާރުން ތައްޔާރުވެ އެކަމާ ދެކޮޅަށް ދުރާލައި ފިޔަވަޅުތަކެއް ނާޅައިފިނަމަ ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް މި އަހަރާއި އަންނަ އަހަރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ މުސާރަތައް ބޮޑުކުރުމާއެކު އިންފްލޭޝަން އުފުލުން އާންމު ކަމަށާއި އެކަމަށް ސަރުކާރުން މިހާރުން ފެށިގެން ތައްޔާރުވާން ޖެހޭ ކަމަށެވެ.
"މިހާރުއްސުރެ އިންފްލޭޝަން މަތިވުމާ ދެކޮޅަށް އަޅުގަނޑުމެން، ސަރުކާރުން ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް އަޅަން ޖެހޭ. ދުރާލާ ތައްޔާރުވާން ޖެހޭ. އެހެން ނޫންނަމަ މި ބޮޑުކުރާ މުސާރައިގެ ވެސް މާ ބޮޑު ބޭނުމެއް ނޯންނާނެ. އެކަމުގެ ފައިދާއެއް ނުކުރާނެ،" އަޒާން ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި މުސާރަ އާއި އެލެވަންސުތައް ދިނުމަށް 17 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އެއީ މުސާރަ އާއި އުޖޫރައަށް 8.6 ބިލިއަން ރުފިޔާ، އިނާޔަތްތަކަށް 6.1 ބިލިއަން ރުފިޔާ އަދި ޕެންޝަނަށް 2.3 ބިލިއަން ރުފިޔާ އެވެ.
މިއީ މިދިޔަ އަހަރަށް ވުރެ 2.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މި އަހަރު ވެސް އެއް ދާއިރާއަކުން ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގަނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަތަކާއި އެލަވަންސުތައް ދިނުމަށެވެ.
މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އަދި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވެސް ވަނީ ބަޖެޓު ކޮމިޓީގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން މުސާރައަށް ކުރާ ހޭދަ، މިހާރު ކަނޑައެޅިފައިވާ މިންގަނޑުތަކަށް ވުރެ މައްޗަށް ގޮސްފި ހާލަތެއްގައި ސަރުކާރުގެ ހަރަދުތައް ނުހިފެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި މައުލޫމާތު ދިނެވެ.
މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއާ މި ކަންބޮޑުވުންތައް ހިއްސާކުރަމުން ފިނޭންސުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ފިސްކަލް ޖާގަ އަހަރުން އަހަރަށް ކުޑަވަމުން އަންނަ ކަމަށެވެ.
"ފިސްކަލް ޖާގައަކީ ވައިގެ ތެރެއިން އުފެދިގެން އަންނަ އެއްޗެއް ނޫން. އެ ޖާގަ އުފައްދަން މި ޖެހެނީ އާމްދަނީ އާއި ހަރަދު ވަކި ގޮތަކަށް އެކަށައެޅިގެން،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި ޓީމުން ބަޖެޓު ކޮމިޓީއަށް ހާޒިރުވީ އިއްޔެ އެވެ.
އެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުނައްވަރު ވިދާޅުވީ ބަޖެޓުގައި ހުރި ރިސްކުތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކަށް ފާހަގަކުރާ ކަމަކީ ސަރުކާރު ހިންގުމަށް ކުރާ ހަރަދު އަންނަ އަހަރު ވަރަށް ބޮޑަށް އިތުރުވެގެންދިޔުން ކަމަށެވެ.
އޭގެތެރެއިން އެންމެ ބޮޑުބައެއް އިތުރުވެގެންދަނީ މުސާރަތައް އެއްހަމަ ކުރުމަށް ފަށާފައިވާ މަސައްކަތް އަންނަ އަހަރު ނިންމުމަށްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ބަޖެޓުގެ އެހާ ބޮޑު އިންސައްތައެއް ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ ތިންވަރަކަށް ބިލިއަން އިތުރުވެގެންދާއިރު، މުސާރަތައް އިތުރުވެގެންދާއިރު އަޅުގަނޑުމެން އެންމެ މުހިންމު ލަފަޔަކަށް ދީފައި އިންނާނީ އެ ބަހާލައިގެން ކުރިއަށް ގެންދިޔުމަށް، މާނައަކީ އެއްފަހަރާ، ހުރިހާ މުސާރަތަކެއް އެއްފަހަރާ ބޮޑުކުރެވިގެންދާ ކަމުގައިވާނަމަ ހަމަ އޭގެ ޕްރެޝަރު އައުން އެކަށީގެންވޭ އިނގޭތޯ،" މުނައްވަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ