ދޫދޭން އުޅުނިން، އިންތިޚާބުތައް ގެއްލުނީ އަޅުގަނޑުމެންނާ ނުލައި ވާނެ ކަމަށް ޞާލިޙް ދެކުމުން: ނަޝީދު
އެމްޑީޕީގެ ސިޔާސީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީތަކުގެ ތެރޭގައި ހިމެނޭ, އެންމެ ފަހުގެ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ނާކާމިޔާބުވީ, ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް, އެ މަނިކުފާނުމެންނާ ނުލައި އެކަން ކާމިޔާބުކުރެއްވޭނެ ކަމަށް ގަބޫލު ކުރެއްވުމުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. މީގެ ތިން އަހަރު ފަހުން އޮންނަ ރިޔާސީ އިންތިޚާބުގެ ޓިކެޓްގެ ވާދަވެރިކަން ބޮޑުވެ, އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ މަގާމުން ރޭ އިސްތިއުފާ ދެއްވައިފައެވެ. https://www.sun.mv/214313 ނަޝީދާ މިހާރު ގާތްގުޅުމެއް އޮންނަ ފައްޔާޒުގެ އިސްތިއުފާއާ އެކު ޞާލިޙް ފެކްޝަނާއި ނަޝީދު ފެކްޝަނާ ދެމެދު އަނެއްކާ ވެސް މި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. އެމްޑީޕީގެ ކުރީގެ ގައުމީ މަޖިލިސް މެންބަރުންނާއި މިހާރުގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ނަޝީދު މިއަދު 13:50 ގައި ފޮނުއްވި މެސެޖެއްގައި ވިދާޅުވީ, 2023 ގެ ރިޔާސީ އިންތިޚާބާއި 2024 ގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ގެއްލުނު ގޮތް ފައްޔާޒު ސާފުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އެއަށް ފަހު 13:53 ގައި ހަމަ އެ ގުރޫޕުގައި ނަޝީދު ވިދާޅުވީ, އެމަނިކުފާނު ކުރިމަތި ނުލައްވައި, ޞާލިޙަށް ފުރުސަތު ދެއްވަން ދެ ފަހަރު މަސައްކަތްކުރެއްވި ކަމަށެވެ. ނަމަވެސް، ޞާލިޙާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުންނަށް އެ ގޮތް ކަމުނުދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުމެންނާ ނުލައި އިންތިޚާބު ކާމިޔާބު ވާނެ ކަމަށް މާ ބޮޑަށް ދެކެވި މުޅި ކަން ހަރާބުވީ," ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ކުރިމަތިނުލައްވައި ޞާލިޙަށް ފުރުސަތު ދެއްވަން އުޅުއްވީ ސީދާ ކޮން އިންތިޚާބެއްގައި ކަމެއް ނަޝީދު މެސެޖުގައި ވިދާޅުވެފައެއް ނުވެއެވެ. ބެލެވޭގޮތުގައި އެއީ 2023 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެވެ. އެ އިންތިޚާބުގައި އޭރު ވެރިކަމުގައި ހުންނެވި ޞާލިޙާއި ނަޝީދު ވާދަކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ޞާލިހެވެ. https://www.sun.mv/214340 އޭގެ ފަހުން ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އެމްޑީޕީން ވަކިވެ, ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި 2023ގެ ރިޔާސީ އިންތިޚާބާއި 2024 ގެ މަޖިލިސް އިންތިޚާބުގައި ވަކިން ވާދަ ކުރެއްވެވިއެވެ. އެ ދެ އިންތިޚާބުން އެމްޑީޕީއެކޭ އެއްގޮތަށް ޑިމޮކްރެޓްސްއަށް ވެސް ލިބުނީ އަދި މާ ބޮޑު ނާކާމިޔާބީއެކެވެ. އޭގެ ފަހުން ޑިމޮކްރެޓިކްސް އުވާލުމަށް ފަހު ނަޝީދާއި އެ މަނިކުފާނުގެ ޓީމުން މި ފަހުން ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ޞާލިޙްގެ ޓީމުން މިހާރު އެމްޑީޕީ ހިންގަމުންދާއިރު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ހިންގުންތެރިކަން ދަށްކަމުގެ ފާޑުކިޔުން ވަރަށް ބޮޑެވެ. އަމިއްލަފުޅު ގެކޮޅުގެ ހޯލެއްގައި ކުރީގެ ރައީސް އަބްދުالله ޔާމީން ކުރައްވާވަރާ ގާތަށް ވެސް އެމްޑީޕީއަށް މަސައްކަތް ނުކުރެވޭކަމުގެ ފާޑުކިޔުން ވަރަށް ބޮޑެވެ. އިންތިޚާބުތަކުން އެމްޑީޕީއަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވާއިރު އެ ޕާޓީގެ ގައުމީ މަޖިލީހާއި އެހެން ބައެއް އިސް މަގާމުތަކުގައި ވެސް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ބޭފުޅުން އަދިވެސް އެބަތިއްބެވިއެވެ. އޭގެ ތެރޭގައި ނިމިދިޔަ އެ ޕާޓީގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެ ޕާޓީގެ އޭރުގެ ބައެއް މަޖިލިސް މެންބަރުން ހިމެނެއެވެ. އެންމެ ފަހުން އޮޑިޓް އޮފީހުން ނެރުނު އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓްގައި ވެސް އެފަދަ މައްސަލަތައް ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ