ދެ އަހަރުން ކުރެވުނު ކަމެއް ވިދާޅުނުވެ، ރައީސް އަަދިވެސް ވިދާޅުވަނީ ކުރައްވާނެ ކަންކަން: ޔާމީން

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭ ހާސިލްކުރެވުނު ކަމެއް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވިދާޅުނުވެވޭ ކަމަށާއި، ވިދާޅުވަމުން ގެންދަވަނީ ކުރިއަށް ކުރައްވާނެ ކަންކަން ކަމަށް ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ މި ދެ އަހަރު ދުވަހު މި ސަރުކާރުން ކުރި މަސައްކަތްތަކާއި، ނިކުތް ނަތީޖާއާ މެދު ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން މި މަހުގެ 14ވަނަ ދުވަހު ސަރުކާރަށް ދެ އަހަރު ފާހަގަކުރަން ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން ޔާމީން ވިދާޅުވީ މުޅި ވާހަކަފުޅުގައި ވެސް މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކަ ވިދާޅުނުވާ ކަމަށެވެ. ހައްތަހާ ވެސް ވިދާޅުވަމުން ގެންދެވީ ކުރިއަށް ކުރައްވާނެ ކަންކަމުގެ ވާހަކަފުޅުތައް ކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ އެކި ތަންތަނުން ބިން ހިއްކައި ގޯތި ދެއްވާނެ ވާހަކަފުޅުކަމަށް ވިދާޅުވިއެވެ. 21 ނޮވެމްބަރު 2025: ރައިޒް އަޕް ޔޫތުގެ ނަމުގައި ޕީއެންއެފުން ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން -- ސަން ފޮޓޯ: މޫސާ ނަދީމް "ރިޕޯޓު އިއްވައި ނިންމަނީ. މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކައެއް ވިދާޅެއް ނުވޭ... އެކަމު ހައްތަހާވެސް އެ ދެ އަހަރު ކުރެވުނު ކަމެއް ވިދާޅުނުވެ، ހައްތަހާ ވެސް މި ވިދާޅުވަނީ ރަސްމާލެއިން 15،000 މީހުންނަށް ގޯތި ދެއްވާނަމޭ. ކާށިދޫ ކަނޑުން 30،000 މީހުންނަށް ގޯތި ދެއްވާނަމޭ، ބަރަވެލި ކަނޑުން 20،000 މީހުންނަށް ގޯތި ދެއްވާނަމޭ، ހައްތަހާ ވެސް ކުރަންހުރި ކަންތައްތައް،" ޔާމީން ވިދާޅުވިއެވެ. ނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަަލައިލުމުން އެނގެނީ ހިއްކައިފައި އޮތް ބިންކޮޅަކުން ގޯތި ދިނުމަކުން ރައްޔިތުންނަށް ނޫޅެވޭނެކަން ކަމަށާއި، އެ ތަންތަނުގައި އުޅެވޭނީ އެކަމަށް ބޭނުންވާ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކޮށްގެންކަން ކަމަށް ޔާމީން ވިދާޅުވިއެވެ. "ބިންކޮޅު ހިއްކަވައިލުމަކީ އެންމެ ފަސޭހަ ކަންތައް. އެހެންވެގެން އެ އުވަދޯނި އެހާ މަޝްހޫރުވެގެން އެ އުޅެނީ،" ހިއްކާ ބިމުގައި ކަނޑުތޮށިލުމާއި، ކަރަންޓާއި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ކުރަންޖެހޭކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވިއެވެ. https://sun.mv/214239 ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތްތައް ވާންވާނީ ރައްޔިތުން އެދޭ ކަންކަމަށް ކަމަށެވެ. އަދި ސަރުކާރުން ޚަރަދުކުރާ ކޮންމެ ފައިސާ ފޮއްޗަކާމެދު އެ ސަރުކާރަކުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ޔާމީން ވަނީ މި ސަރުކާރަށް މިހާ ހިސާބަށް އާދެވުނުއިރު، ރައްޔިތުން އުފާވާ ފަދަ އެއްވެސް ކަމެއް ކުރެވުނުތޯ ވެސް ސުވާލު އުފައްދަވައިފައެވެ. މީގެ އިތުރުން ޔާމީން ވިދާޅުވީ މިހާރު މި ސަރުކާރުން ބުނާ އެއް ވާހަކައަކީ ދަރަންޏަކީ ނަގަން ޖެހޭ އެއްޗެއް ކަމަށާއި ކުރީ ސަރުކާރުތަކުން ވެސް ދަރަނި ނެގި ކަމަށެވެ. ޔާމީން ވިދާޅުވީ ދަރަންޏަކީ ސަރުކާރެއް ހިންގާއިރު އޭގެ ޒާތުގައި އޮންނާނެ އެއްޗެއް ކަމަށެވެ. ނަމަވެސް ދަރަނި އުފައްދައިގެން ކުރުން މުހިންމީ ދަރަނި ފޫބެއްދޭ ވަރުގެ އިގްތިޞާދީ މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ. "... ދަރަނި އޮންނާނެ، އެކަމު ދަރަނި އުފައްދައިގެން ރައްޔިތުންނަށް ބޭނުންތެރި މަސައްކަތްތަކެއް ކޮށްދޭށޭ. ދަރަނި އުފައްދައިގެން ދަރަނި ފޫބެއްދޭވަރުގެ، އާމްދަނީ ލިބޭވަރުގެ އިގްތިޞާދީ މަސައްކަތްކުރާށޭ،" ޔާމީން ވިދާޅުވިއެވެ. އެގޮތުން އެ މަނިކުފާނުގެ ވެރިކަން ނިންމިއިރު ވެސް ދަރަނި އޮތް ކަމަށާއި އެކަމަކު އެ ދަރަނި ފޫބެއްދޭވަރުގެ ބޮޑެތި ބިނާތައް ތަރައްގީކޮށްދީފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ސިނަމާލެ ބްރިޖް ފަދަ މަސައްކަތްތައް އޭގެ ތެރޭ ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. "އެއީ ދެއްތޯ އިގްތިޞާދު ފުޅާކުރަން މަސައްކަތްތަކަކީ. އެއީ ދޯ ޓޫރިޒަމް ފުޅާކުރަން ކުރާ މަސައްކަތްތަކަކީ. އެއިރަކު އަޅުގަނޑުމެންގެ ފިޗް ރޭޓިން ނުދެޔޭ ޓްރިޕަލް ސީއަކަށް. އެއިރު ދުނިޔެއިން އަޅުގަނޑުމެން ބަލައިގަތޭ. މިތަނަށް ދުނިޔޭގެ އިންވެސްޓަރުން އާދޭ. މިހާރު ކާކުތޯ އަންނަނީ،" ޔާމީން ވިދާޅުވިއެވެ. އެއާއެކު ޔާމީން ވަނީ ޒުވާނުންނަށް ގައުމާމެދު ވިސްނުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި މިއަދު ގައުމުގެ ކަންކަން ހިންގަން އޮތް ހުރިހާ މުއައްސަސާތައް ވަނީ ފެއިލްވެފައި ކަމަށާއި، ޒުވާނުން މިއަދު ތެދުވާންވީ އެހެންވެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ