އިނގިރޭސިވިލާތުގެ މިލިއަނަކަށް ވުރެ ގިނަ މަސައްކަތްތެރިންނަށް އަންނަ އަހަރު 4.1 އިންސައްތައިގެ މުސާރައިގެ ކުރިއެރުމެއް ލިބޭނެ އެވެ. ޗާންސެލަރު ރޭޗަލް ރީވްސް ޔަގީންކޮށްދެއްވާފައިވާ ގޮތުގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއްގެ ގޮތުން މިނިމަމް ވޭޖް ރޭޓްތައް ބޮޑުކުރުމަށް ވަނީ ނިންމާފަ އެވެ.
21 އަހަރުން މަތީގެ މީހުންނަށް ނޭޝަނަލް ލިވިންގވޭޖްގެ ގޮތުގައި މިހާރު ލިބެނީ ގަޑިއަކު 12.21 ޕައުންޑް (ދިވެހި ރުފިޔާއިން ބަލާއިރު 247.89 ރުފިޔާ) އެވެ. އެހެންނަމަވެސް އަންނަ އޭޕްރިލް މަހުން ފެށިގެން ގަޑިއަކަށް ޖެހޭ އަދަދު 12.71 (ދިވެހި ރުފިޔާއިން 258.04 ރުފިޔާ) އަށް ބޮޑުވާނެ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މީގެ ސަބަބުން ގާތްގަނޑަކަށް 2.4 މިލިއަން މަސައްކަތްތެރިންގެ އަހަރީ އާމްދަނީއަށް 900 ޕައުންޑުގެ އިތުރުވުމެއް އަންނާނެ އެވެ.
18 އަހަރާއި 20 އަހަރާ ދެމެދުގެ މީހުންނަށް ލިބޭ މިނިމަމް ވޭޖް 8.5 އިންސައްތަ އިތުރުވެ ގަޑިއަކު 10.85 ޕައުންޑަށް އިތުރުވާނެ އެވެ. މިއީ ހުރިހާ މަސައްކަތްތެރިންގެ މުސާރައިގެ އެންމެ މަދު މިންވަރު މަތިކުރުމަށް ސަރުކާރުން ވީ ވައުދުގެ ތެރެއިން ބޮޑެތި މީހުންނާއި މިފަދަ މަސައްކަތްތެރިންނާ ދެމެދުގައިވާ މުސާރައިގެ ފަރަގު ކުޑަކުރުމަށް ކުރާ މަސައްކަތެކެވެ.
ސަރުކާރުން ވަނީ ލޯ ޕޭ ކޮމިޝަންގެ ހުރިހާ ހުށަހެޅުންތަކެއް ބަލައިގަނެފަ އެވެ. އެއީ، ޗާންސެލަރު ވިދާޅުވި ގޮތުގައި، މަދު އާމްދަނީއެއް ލިބޭ މީހުންނަށް އެމީހުންގެ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބިދެވޭކަން ކަށަވަރުކުރުމަށްޓަކައި ނިންމެވި ނިންމެވުމެކެވެ.
މި ބަދަލުތަކުގެ އިތުރުން، 16 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނާއި އެޕްރެންޓިސްޝިޕްގައި ތިބޭ މީހުންނަށް މަދުވެގެން ދޭންޖެހޭ މުސާރަ 6 އިންސައްތަ އިތުރުކުރުމަށް ވެސް ޕޭ ކޮމިޝަނުން ނިންމި އެވެ. މި ބަދަލާއެކު އެފަދަ ވަޒީފާތަކުގައި އުޅޭ މީހުންނަށް ގަޑިއަކަށް މަދުވެގެން 8 ޕައުންޑް ލިބޭނެ އެވެ.
އިނގިރޭސި ވިލާތުގެ ޒުވާނުންގެ ތެރޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މިހާރު ހުރީ 14.5 އިންސައްތައިގަ އެވެ. މިއީ މިދިޔަ އަހަރުގެ 13.7 އިންސައްތައާ އަޅާބަލާއިރު އިތުރުވުމެކެވެ. މީގެ ބައެއް ސަބަބުތަކަކީ ކޮވިޑްގެ އަސަރުތަކާއެކު އެތައް ވިޔަފާރިއެއް ހުއްޓިގެން ދިއުމާއި، ކޮވިޑަށްފަހު ވެސް އެ ވިޔަފާރިތައް އަލުން ފެށިފައި ނުވުމެވެ.
އަންނަ އަހަރު އިނގިރޭސި ވިލާތުގައި މިނިމަމްވޭޖް އިތުރުކުރަނީ އަންނަ އަހަރު އިނގިރޭސި ވިލާތުގައި މިނިމަމްވޭޖް އިތުރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ