ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ މި އަހަރު ނިމެންވާއިރަށް ދޭނެ

ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ މި އަހަރު ނިމެންވާއިރަށް އެއްކޮށް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ރައީސް ވަނީ ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދައްކައި ހަލާސްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭގެފަހުން، މިދިޔަ މަހުގެ 21ގައި ރައީސް ވިދާޅުވީ، 10 ދުވަހުގެ ތެރޭގައި، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާނެ ކަމަށެވެ.
ރޭ މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވަނީ ވިޔަފާރިތަކަށް ފައިސާ ދީ ނިންމަން އައު ތާރީޚެއް ދެއްވާފަ އެވެ. އެގޮތުން ރައީސް ވަނީ މި އަހަރު ނިމެންވާއިރަށް އެ ފައިސާ އެއްކޮށް ދައްކައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
"ކޮންމެ ދުވަހަކު [ބިލުތަކަށް ފައިސާ ދެއްކުން] ކުރިއަށް އެބަ ގެންދަން. މި ބަލަނީ މި އަހަރު ނިމެންވާއިރަށް އެއްކޮށް ކްލިއާކޮށް ނިންމާލަން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ރައްޔިތުންނަށް ފައިސާ ދޭންޖެހި، ނުދެވި ހުރި ބިލުތަކުގެ ބެކްލޮގް ބިލުތަކަށް މިހާރު ފައިސާ ދައްކަން ފަށާފައިވާ ކަމަށާއި އަދި މަސްވެރިންގެ ފައިސާގެ ކަންތައް ޙައްލުކުރެއްވި އުސޫލުން، އެ ބިލުތަކަށް ފައިސާ ދެއްކުން ވެސް ހަމައަކަށް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ސޯޝަލް މީޑިއާގައި މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ