ﷲ ތަޢާލާ ބައެއް މީހުންނަށް އެމީހުންގެ ހިތްފުރޭވަރަށް އުފާވެރިކަން ދެއްވަވަތެވެ. އަނެއްބައަކަށް ހިތްދަތިކަމާއި ކަންބޮޑުވުންތައް ކުރިމަތިކުރައްވަވަތެވެ. ޔަޤީންކުރަންވީ މި ދެ ޙާލަތުވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާކަމެވެ. ދެ ޙާލަތަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެއް ކަމެވެ.
ބަލިކަށިވުމާއި އެކަނިވެރިވުމާއި ނިކަމެތިވުމާއި މިތިންކަންތަކުންކުރެ ކަމެއް ކުރިމަތިވެއްޖެނަމަ ގިނަ ބައަކު އިންތިހާއަށް ކަންބޮޑުވެއެވެ. 3 ކަންތައް އެކުގައި ކުރިމަތިވެއްޖެނަމަ މީހާގެ ކަޅި ހުއްޓޭވަރުވެއެވެ. ވީމާ އިތުރަށް ވިސްނައިލަމާހެއްޔެވެ؟
ބައެއް ފަހަރު އިންސާނާ ބަލިކަށިކުރައްވަވައެވެ. އެކަނިވެރި ކުރައްވަވައެވެ. އަދި ނިކަމެތިވެސް ކުރައްވަވައެވެ. މިފަދަ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އެއީ ލިބޭ ނިކަމެތިކަމެއް ނޫނެވެ. އެއީ ލިބޭ މަތިވެރި ކަމެކެވެ. މިބުނަނި ފަދަ އެއްވެސް ކަމެއް، އެއްވެސް ޙާލަތެއް ކުރިމަތިވެއްޖެ ނަމަ އެއީ ލިބުނު ނިޢްމަތެއް ކަމަށް ޔަޤީންކުރުމަށެވެ.
މި 3 ހާލަތުންކުރެ ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް އަދި 3 ޙާލަތު އެކުގައި މެދުވެރިވި ނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވުމަށް އަވަސްވެގަންނާށެވެ! ﷲ ތަޢާލާ އާއި ކުއްތަންވުމުގެ މަސައްކަތް އަވަހަށް ފަށާށެވެ! އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާށެވެ!
މިފަދަ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އެއީ ﷲ ތައާލާ އެމީހަކަށް އަންގަވާ އެންގެވުމެކެވެ. ޢަމަލުތައް އިޞްލާޙުކުރުމަށެވެ. ތައުބާވުމަށެވެ. ތަޤްވާވެރިވުން އިތުރުކުރުމަށެވެ. ކުރާ އަޅުކަން އިތުރުކުރުމަށެވެ. އެ މެސެޖު ފުރިހަމައަށް ލިބިގެންފިނަމަ މިއިން އެއްވެސް ކަމަކާއިހުރެ އެއްވެސް މީހަކު ކަންބޮޑެއް ނުވާނެއެވެ.
ހިތްދަތިވެ ގައިން އުދާސް ނުކުންނަނީ މެސެޖް ފުރިހަމައަށް މާނަ ނުކުރެވޭތީއެވެ. މާނަކުރުން ރަނގަޅުކޮށްލާށެވެ! އެއިރުން މިއިން ކޮންމެ ކަމަކީވެސް ﷲ ތަޢާލާ މިންވަރުކުރެއްވެވި ވަރަށް ބޮޑު ނިޢްމަތެއްކަން އެނގިގެންދާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކަންބޮޑުވާންޖެހޭ ހުރިހާ ކަމެއް ތިބާ ވަށައިލިޔަސް ޘާބިތުވެ ހުރެވޭނެ މަގު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ