ގެސްޓްހައުސްތަކުގެ މެންބަޝިޕް ފީ ކުޑަކޮށްފި، ކުދި ތަންތަނުން ދައްކަންޖެހޭނީ 350 ޑޮލަރު

ރާއްޖޭގައި ފަތުރުވެރިކަން ޕްރޮމޯޓުކުރާ ސަރުކާރު ކުންފުނި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެންބަރުކަމުގެ ފީ، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ)ތަކަށް ކުޑަކޮށްފިއެވެ. ވީއެމްސީން ބުނީ، މި ބަދަލު ގެންނަން ނިންމީ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އެސްއެމްއީތަކަށް އެއްބާރުލުންދީ، ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ގެސްޓްހައުސްތަކުން ވީއެމްސީއަށް މީގެ ކުރިން ދައްކަން ޖެހެނީ 1،000 ޑޮލަރެވެ. މި ގެނައި ބަދަލާ އެކު ގެސްޓްހައުސްތަކުގެ ތެރެއިން 25 ކޮޓަރިއަށް ވުރެ މަދުން ހިންގާ ގެސްޓްހައުސްތަކުން ދައްކަން ޖެހޭނީ 350 ޑޮލަރެވެ. ބާކީ ގެސްޓްހައުސްތަކުން ދައްކަން ޖެހޭނީ 750 ޑޮލަރެވެ. ކ. ދިއްފުށީގެ ގެސްޓްހައުސެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ މި ނިންމުމުގެ ސަބަބުން ކުދި ވިޔަފާރިތަކުން ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދެވޭކަން ޔަގީންކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. ވީއެމްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިޢުރީ ވިދާޅުވީ، އެ ކޯޕަރޭޝަންގެ މި ނިންމުމުގެ ސަބަބުން ރަށްރަށުގައި ގާއިމުކޮށްފައިވާ ގެސްޓްހައުސްތަކާއި ލިވްއެބޯޑުތަކާއި ޓްރެވަލް އޭޖެންސީތައް ގިނަ ބައެއްގެ މެދުގައި އިޝްތިހާރުކުރެވި، ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓަން ކުރާ މަސައްކަތުގައި ވިޔަފާރިތައް އިތުރަށް ބައިވެރިކުރެވޭނެ ކަމަށެވެ. އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ އަބުހަރީ ގްރޭންޑް ގެސްޓްހައުސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ ވީއެމްސީގެ މެންބަރުކަމުގެ ފީ ކުޑަކުރުމުގެ އިތުރުން، އެ ކޯޕަރޭޝަނުން ވަނީ ރޯޑުޝޯތަކާއި ފަތުރުވެރި ވިޔަފާރިތައް ޕްރޮމޯޓުކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް، އެ ކޯޕަރޭޝަންގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނަން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުސަތު ދިނުމަށް ވެސް ނިންމާފައެވެ. އެގޮތުން، ވިޔަފާރިތައް ބައިނަލްއަގުވާމީ މާކެޓުގައި ފުޅާކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވީއެމްސީން މައުލޫމާތު ދެއެވެ. ވީއެމްސީން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓުތަކާއި ގެސްޓްހައުސްތައް އިޝްތިހާރުކުރުމަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު ކޮންޓެންޓު ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ