ބުދަ ދުވަހުގެ ރޭ މުއިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރަނީ ބުދަ ދުވަހުގެ ރޭ މުއިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރަނީ

ބުދަ ދުވަހުގެ ރޭ ރައީސް މުހައްމަދު މުއިއްޒު ދިވެހި ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިޔަފާރިވެރިންނާއެކު މުއިއްޒު ބާއްވަވާ ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގައި ކަމަށެވެ. މި ބައްދަލުވުމަށް ދިވެހި ހުރިހާ ވިޔަފާރިވެރިންނަށް ފުރުސަތު އަރުވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ހިއްސާ ކުރައްވާ، ބޭނުންވާ ކަންކަން ސީދާ އަޑުއެއްސެވުމަށް މުއިއްޒު ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.
މި ސިލްސިލާގެ ތެރެއިން މުއިއްޒު ވަނީ މިދިޔަ މަހާއި މި މަހުގެ ތެރޭ މާލޭގެ ހަތަރު އަވަށެއްގެ ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ.
ވިޔަފާރިވެރިންނާ ބައްދަލުކުރަން މުއިއްޒު ނިންމާފައި ވާއިރު، މުއިއްޒު ވައުދުވި ގޮތަށް ދައުލަތުން ބިލުތަކަށް ނުދައްކާ ހުރި ފައިސާ އަދި ވެސް ނުލިބޭ ކަމަށް ބުނެ ވިޔަފާރިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމަނިކުފާނު އެންމެ ފަހުން ވިދާޅުވީ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ފައިސާ ދައްކާ ހަލާސްކުރެވޭނެ ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުން ބިލުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓު ދިރާސާ ކުރި ކޮމިޓީގައި އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
ކޮމިޓީއަށް ހާޒިރު، އޮޑިޓު އޮފީހުން މިއަދު ހިއްސާކުރި މައުލޫމާތުގެ ތެރެއިން މިފަދައިން ވިދާޅުވީ އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް އޮފް އޮޑިޓު، މުހައްމަދު ޝާން އެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ދައުލަތުން އެކައުންޓްސް ޓޭބަލް ގޮތުގަ، ނުވަތަ ނުދައްކާ ހުރި ބިލުތަކުގެ ގޮތުގަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 5.1 ބިލިއަން ރުފިޔާ އެބަހުރި. މިއީ ސިސްޓަމުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ފާހަގަކުރުމެއް،" ޝާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ