އައިފޯން އެއާގެ ވިޔަފާރި ދަށްވެ، އުފެއްދުން މަދުކުރަނީ

އެޕަލްގެ އާ އުފެއްދުމެއް ކަމަށްވާ އައިފޯން އެއާއަށް ކަސްޓަމަރުންގެ ފަރާތުން ލިބޭނެކަމަށް އުންމީދުކުރި ތަރުހީބު ލިބިފައި ނުވާ ކަމަށާއި، މިކަމުގެ ސަބަބުން އެޕަލްއިން އެ އުފެއްދުންތައް އުފައްދާ މިންވަރު މަދުކުރަން ނިންމާފައިވާ ކަމަށް 'މެކްރޫމާސް'އިން ހާމަކޮށްފިއެވެ. އައިފޯން އެއާގެ ވިއްކުން ދަށްކަން އެނގޭ އެންމެ ފުރަތަމަ ނިޝާނަކީ، އެ ފޯނު ލޯންޗުކުރި އިރުވެސް ފަސޭހަކަމާއެކު ލިބެން ހުރުން ކަމަށް މެކްރޫމާސްއިން ބުނެއެވެ. މިއީ އާންމުކޮށް އެޕަލްގެ އާ އުފެއްދުންތަކަށް ލިބޭ ބޮޑު ތަރުހީބާ އަޅައިބަލާއިރު އާދަޔާ ޚިލާފު ކަމެކެވެ. މިދިޔަ ހަފުތާގައި ޖަޕާނުގެ މިޒޫހޯ ސެކިއުރިޓީސްއިން ބުނެފައިވަނީ ވިއްކުން ދަށްވުމުގެ ސަބަބުން އެޕަލްއިން އެ އުފެއްދުން އެއް މިލިއަން ޔުނިޓް މަދު ކުރާނެ ކަމަށެވެ. އަދި ނިކެއިއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޕަލްގެ ޕްލޭނަކީ އައިފޯން އެއާ މުސްތަޤުބަލުގައި އެއްކޮށް އުވާލުމެވެ. ކީބޭންކް ކެޕިޓަލް މާކެޓްސް އިން ބުނެފައިވަނީ އައިފޯން އެއާއަށް "ޢަމަލީ ގޮތުން އެއްވެސް ޑިމާންޑެއް ނެތް" ކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން އެޕަލްއިން އުފެއްދުންތައް ވަރަށް ބޮޑަށް މަދުކުރާނެ ކަމަށެވެ. އެޕަލްގެ މަޝްހޫރު އެނަލިސްޓް މިންގް-ޗީ ކުއޯ ވިދާޅުވެފައިވާ ގޮތުގައި، ސަޕްލަޔަރުންނަށް ވަނީ މިހާރުން ފެށިގެން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް އެ އުފެއްދުމުގެ މިންވަރު 80 އިންސައްތައަށް ވުރެ ކުޑަކުރުމަށް އަންގާފައެވެ. އަދި ބައެއް ކޮމްޕޯނެންޓްސް އުފެއްދުން 2025 ވަނަ އަހަރު ނިމުމުގެ ކުރިން ހުއްޓާލުމަށް ވެސް އެޕަލްއިން ވަނީ ނިންމާފައެވެ. އެޕަލްއިން ކުރިން ރާވާފައި އޮތީ އައިފޯން އެއާގެ އިތުރު ތިން ޖީލެއް ނެރުމަށެވެ. ނަމަވެސް، މިހާރު އެ ފޯން ވިކޭ މިންވަރަށް ބަލާއިރު، މި ޕްލޭނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމާ ގުޅިގެން އަޑުތައް ފެތުރެމުންދާ ގޮތުގައި، އެޕަލްއިން 2026 ވަނަ އަހަރު ފޯލްޑަބަލް (ފަތްޖެހޭ) އައިފޯނެއް ނެރުމުގެ ވިސްނުން ގެންގުޅެއެވެ. މި ފޯނު ނެރޭނީ އައިފޯން 18 ލައިންއާއެކު ކަމަށް ވެސް ބެލެވެއެވެ. އައިފޯން އެއާގެ މި ތަޖުރިބާ ނާކާމިޔާބުވުމަކީ، އެޕަލްގެ އުފެއްދުންތަކުގެ ސްޓްރެޓެޖީއަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފެށުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ