ޕްރަބާސްގެ އުފަންދުވަހު އާ ފިލްމެއް އިއުލާނުކޮށްފި

އިއްޔެ އުމުރުން 46 އަހަރު ފުރުން ފާހަގަކުރި އިންޑިއާގެ އެކްޓަރު ޕްރަބާސްގެ އުފަންދުވަހުގެ މުނާސަބަތާ ގުޅިގެން އާ ފިލްމެއް އިއުލާނުކޮށްފިއެވެ. "ފައުޒީ"ގެ ނަމުގައި އިއުލާނުކުރި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ވެސް އިއްޔެ ދައްކާލިއިރު މި ފިލްމަކީ އިންޑިއާއަށް މިނިވަންކަން ލިބުމުގެ ކުރިން 1940ގެ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހާދިސާތަކެއް ދައްކުވައިދޭނެ ވަޠަނީ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން މި ފިލްމު ގެނެސްދޭނީ އިންޑިއާގެ ދެކުނުގެ ޕްރޮޑިއުސަރުންތަކަކާއި ބޮލީވުޑްގެ މަޝްހޫރު ފިލްމު ކުންފުނި ޓީ-ސީރީސް ގުޅިގެންނެވެ. ހަނޫ ރަގަވްޕުޅީ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ފިލްމުގައި ޕްރަބާސް ފެންނާނީ އިންޑިއާއަށް މިނިވަންކަމާއި އިހުތިރާމާއި ޝަރަފު ހޯދައި ދިނުމަށް މަސައްކަތްކުރާ ވަރަށް ހިތްވަރުގަދަ އަސްކަރީ އޮފިސަރެއްގެ ރޯލްއިންނެވެ. ޕްރަބާސް ފިލްމު "ރާޖާ ސާބް"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ ޕްރަބާސްއާ އެކު ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ އިމާންވީ އެސްމައިލްއެވެ. މީގެ އިތުރުން ފިލްމުގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭ އަނޫޕަމް ހޭރް، މިތުން ޗަކްރަބަތީ އަދި ކުރީގެ މަޝްހޫރު ބަތަލާ ޖަޔާ ޕްރަދާ ވެސް ހިމެނެއެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާއި މައިތްރީ މޫވީ މޭކާސްއިން ގެނެސްދޭނެ ކަމަށް ބުނެފައިވާ މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އިއުލާނުކޮށްފައެއް ނުވެއެވެ. ޑައިރެކްޓަރު އެސް އެސް ރާޖާމޮލީގެ ފިލްމު "ބާހޫބަލީ"ގެ ލީޑް ރޯލް ކުޅެ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޕްރަބާސް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރާ ރޮމޭންޓިކް ހޮރޯ ކޮމެޑީ "ދަ ރާޖާސާބް"އިންނެވެ. ބޮލީވުޑަށް ވެސް ތައާރަފްވެފައިވާ ޕްރަބާސްގެ ކުރިއަށް ހުރި ފިލްމުތަކުގެތެރޭ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "ސްޕިރިޓް" އަދި ސައުތު ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"ގެ ދެވަނަ ބައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ