ވިލިމާލެ ޕޮލިސް ތެރެއިން ގެއްލުނު 31 ކާޓަން ސިނގިރޭޓް މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފި

ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އދ. ދިގުރަށް / ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށެވެ. މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެއް ކަމަށާއި މައްސަލައާ ގުޅިގެން މި މުވައްޒަފު ވަނީ ސަސްޕެންޑް ކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން 6 ކާޓަން ސިނގިރޭޓް މަދުވެފައިވާ ކަން އެނގިފައި ވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ބެލި އިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން މި މައްސަލައިގައި ކަން ހިނގާފައިވާ ބަލަމުން ދަނިކޮށް ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އިތުރު 25 ކާޓަން ސިނގިރޭޓް ވެސް މަދުވެފައިވާ ކަން ފުލުހުންނަށް ވަނީ އެނގިފައެވެ. އެ 25 ކާޓަން ސިނގިރޭޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓެވެ. އެހެންކަމުން ފުރަތަމަ މަދުވި 6 ކާޓަން ސިނގިރޭޓާ އެކު މި 25 ކާޓަންއާއެކު ޖުމްލަ 31 ކާޓަން ސިނގިރޭޓް މި ވަނީ މަދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ